އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލުމުގެ އިތުރުން އެ ގޮވާލުން ތަންފީޒުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ގެމްބިއާގެ ވެރިރަށް ބަންޖުލްގައި މިހާރު ކުރިއަށްދާ އޯއައިސީގެ 15 ވަނަ އިސްލާމިކް ސަމިޓް، ނުވަތަ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ފާއިތުވެދިޔަ އަހަރުތަކުގައި އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ އިންސާނީ އަދި އެންމެ އަސާސީ ހައްގުތައް ނިގުޅައިގަނެ، އެ މީހުންގެ ބިންތައް ފޭރިގަނެ، ގޭބިސީތައް ބިމާ ހަމަކޮށްފައިވާ ކަމަށާއި. ނަމަވެސް އެ މީހުންގެ ހިތްވަރު ބަދަލުނުވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޝަހީމް އިތުރަށް ވިދާޅުވީ:

  • އިޒްރޭލުގެ ލާއިންސާނީ ގަތުލުއާންމު ހުއްޓާލުމަށް މުޅި ދުނިޔޭން ގޮވާލާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް
  • އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުވޭނީ މި ގޮވާލުން ތަންފީޒުކުރެވިގެން ކަމަށް
  • އދ.ގެ ސަލާމަތީ މަޖިލީހުން ގަތުލުއާންމުތައް ހުއްޓާލުމަށް ގޮވާލަން ގާތްގަނޑަކަށް ހަ މަސް ދުވަސް ނެގި ކަމަށް

ޝަހީމް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ނިމުމަކަށް ގެނައުމަށާއި އެ ސަރަހައްދަށް ހަމަޖެހުން ގެނައުމަށްޓަކައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތައް މިހާރުން މިހާރަށް ނިންމާލަން ޖެހެއެވެ.

އޭނާ ވަނީ ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެ ގައުމަށް އދ ގެ ފުރިހަމަ މެންބަރުކަން ލިބުމަކީ މެދުއިރުމަތި ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމްކުރުމުގެ ފެށުން ކަމުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އަނިޔާތައް ލިބެމުންދާ ކަން ފާހަގަކުރައްވައި، އެ މީހުންގެ ދިފާއުގައި އިސްލާމީ އުންމަތުން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދާދި ފަހުން ދިން ވައިގެ ހަމަލާތައް ހިމެނޭ ގޮތަށް މިހާރު ހިނގަމުންދާ ބިރުވެރި ޖަރީމާތަކުގެ ސަބަބުން ރޮހިންޖާ މުސްލިމުންގެ އެތައް ހާސް ބަޔަކު މަރުވެ، ޒަހަމްވެ، ގެދޮރު ގެއްލިފައިވާ ކަމަށާއި. މިޔަންމާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި މި ގަތުލުއާންމު ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.