ރާއްޖެ ހިމެނޭހެނެ ދުނިޔޭގެ އެތަން މިތާނގައި އެތައް މިލިއަން ބަޔަކު ބޭނުން ކުރާ ވަޓްސްއެޕް އިން ބޮޑު ސްކޭމެއް ހިންގާ ގިނަ ބައެއްގެ އަތުން ފައިސާ އަތުލަމުން ދިޔަ މައްސަލައެއްގައި 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފިއެވެ.
ސްޕެއިންގެ ދާހިލީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މީހުން އަތުލައިގަތީ, އެކިއެކި މީސް މީހުންގެ އާއިލާގެ މެންބަރެއް, ރަހުމަތްތެރިއެއް ކަމަށް ހެދި "ސަން އިން ޓްރަބަލް" ގެ ނަމުގައި ފޮނުވަމުން ދިޔަ ސްކޭމް މެސެޖްތަކެއްގެ ޒަރީއާއިން ފައިސާ އަތުލަމުން ދަނިކޮށެވެ.
މި މީހުން ފޯނުތަކަށް ފޮނުވާ މެސެޖްތަކުގައި އާއިލާގެ ފޯނު ގެއްލިގެން, ފޯން ހަލާކުވެގެން އަދި ފޯނު ލޮކްވެގެން ކަމަށް ބުނެ, 2 ފެކްޓާ އޮތަންޓިކޭޝަން ނަންމަރު ފޮނުވައި ދިނުމަށް މެސެޖްގައި ލިޔެފައި އޮވެއެވެ. އެމީހުން މެސެޖް ފޮނުވަނީ އާއިލާގެ މެންބަރެއް ނުވަތަ ކޮންމެވެސް ތިމާގެ މީހަކު ކަމަށް ހެދި އެމަޖެންސީ ވެގެން ކަމަށް ދޭހަވާ ގޮތަށް 'ސަން އިން ޓްރަބަލް' ހޭޝްޓެގާ އެކުގައެވެ. އެއާއެކު މެސެޖަށް ރިޕްލައި ދޭތަނުން އެމީހެއްގެ ހުރިހާ މައުލޫމާތަކަށް އެކްސެސްވެ އެފަދަ މީސް މީހުންގެ އަސްލު އާއިލާގެ މެންބަރުންނަށް މެސެޖް ފޮނުވައެވެ. އެ މެސެޖްތަކުގައި އެކިއެކި އެމަޖެންސީތަކާ ދިމާވެގެން ކަމަށް ބުނެ ފައިސާކޮޅެއް ފޮނުވައިދޭން އެދެއެވެ.
އެކި ދުވަސް މަތިން ކުދިކުދި އަދަދުތަކުން ހިންގާފައި ވާ މި ސްކޭމްގައި 1.5 މިލިއަން ޔޫރޯ ވަގަށް ނަގާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަންގައި މި ސްކޭމާ ގުޅޭ 100 އެތައް މީހަކު މިހާރު ހައްޔަރު ކޮށް މަނީލޯންޑަރިން އާއި މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުމުގެ ދައުވާ އުފުލާފައި ވާ އިރު މިއީ ވަޓްސްއެޕް ބޭނުންކޮށްގެން ހިންގަމުން ދިޔަ ސްކޭމަކާ ގުޅިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު އަތުލައިގަތް ފުރަތަމަ ސްކޭމެވެ.
ރާއްޖޭގައި ވެސް ވަޓްސްއެޕާއި ފޭސްބްކާއި ވައިބާ ފަދަ ޕްލެޓްފޯމްތަކުގެ ޒަރީއާއިން މިފަދަ ސްކޭމްތައް ހިންގާ އާންމު އެތައް ބައެއްގެ އަތުން ފައިސާ އަތުލައި އަދި އަތުލަމުން ދާކަން އިދާރާތަކުން ފާހަގަ ކުރި ނަމަވެސް, އެފަދަ ސްކޭމްތައް ހިންގާ މީހުން ހިފާ ހައްޔަރު ކޮށް ދައުވާއެއް ކުރެވިފައެއް ނުވެއެވެ.
ސްކޭމްތައް ގިނަވާ ދުވަސްވަރު އެކަން ކުރުމުގެ ބޮޑު ޕަސެންޓޭޖެއް ގުޅިފައި އޮންނަނީ ޖަލުތަކުގައި ތިބޭ ކުށްވެރިންނާ ކަމަށް ބުނި ނަމަވެސް ހުއްޓުވިފައެއް ނުވެއެވެ.