މ. ރަބީއުވިލާގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

ވަރަށް ބާކޮށް ހުރި މިގޭގައި ރޯވެފައި ވަނީ 4 ވަނަ ފަންގެފިލާގައެވެ. ރޯވެފައި ވާ އަލިފާންގަނޑު ސީލިންގައި ހިފާ އިމާރާތުގެ ބޭރަށް ވެސް ހުރީ ފެތުރިފައެވެ.

މި އިމާރާތް ހުންނަ މަގަކީ ހަނިހަނި މަގެއް ކަމުން އެ މަގުގެ ދެފަރާތުގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެއެވެ.

https://fb.watch/rms1BQwu62/

"ދަ ޕްރެސް" ގެ ރިޕޯޓަރުން ސީންގައި ހަރަކާތްތެރިވަމުން ދާ އިރު، ދާދި ދެންމެއަކު އުމުރުން ދުވަސްވީ މީހަކު ކައިރި ގެއަކުން ނެރެ އެމްބިއުލާންސްގައި ގެންދާތަން ވަނީ ފެނިފައި ވެއެވެ. އެމީހާއަކީ އުމުރުން ދުވަސްވީ މީހެއްގެ އިތުރުން މި އަލިފާނުގެ ސަބަބުން އަސަރެއް ކޮށްފައި ވާކަމަކަށް ނުބެލެވެއެވެ.

މ. ރަބީއުވިލާ އަކީ ބާވެ ތަޅާލަން ޖެހިފައި ވާތީ މީގެ ކުރިން އިތުރު 10 ގެއަކާއެކު ތަޅާލަ ދޭނެ ބަޔަކު ހޯދަން 2019 ވަނަ ސަރުކާރުން އިއުލާން ކުރި ގެއެކެވެ.

އޭރުގެ ހައުސިން މިނިސްޓްރީން ކުރި އިއުލާންގައި ތަޅާލަދޭނެ ބަޔަކު ހޯދަން ހިމަނާފައި ވާ ލިސްޓުގައި ރަބީއުވިލާގެ އިތުރުން ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ހާޖަރާގެ، ހ. ރުއްދޮށުގެ ހިމެނެއެވެ.

ނަމަވެސް ރަބީއުވިލާ ތަޅާލާފައި ނުވާ އިރު އެގެ ބޭނުން ކުރަމުން ދަނީ ކިތައް މީހުން ކަމެއް އަދި އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުންނާއި އެމްއެންޑީއެފް އިން ސީންގައި ހަރަކާތްތެރިވަމުން ދާ އިރު އެމްއެންޑީއެފްގެ ފަޔާ ލޮރީ ބޭނުން ކޮށްގެން އަލިފާން ނިއްވުމަށްޓަކައި ފެންޖެހަމުން އެބަގެންދެއެވެ.