ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާތީ އެ ސިޓީގެ ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ފެނަކަ އިމާރާތް ކުރިމަތީ އިހުތިޖާޖު ކުރަމުންދާއިރު އިހުތިޖާޖުގެ ބައިވެރިން ދަނީ "ކަރަންޓު ޔަގީން" ކޮށްދިނުމަށް ގޮވާލަމުންނެވެ.

ކުޅުދުއްފުށިން ދަ ޕްރެސްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އިހުތިޖާޖަށް ރައްޔިތުން ނުކުމެފައި ވަނީ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައި ނުދީ އީދަށް ރާއްޖޭގެ އެކިކަންކޮޅުތައް ބޮކިތަކުން ދިއްލާލާފައި ވާތީއެވެ. އަދި އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

https://fb.watch/rjT-VYKdoQ/

ރޯދަ މަހުގެ ކުރިން ދިމާވާންފެށި ކަރަންޓުގެ މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައިނުވާއިރު ރޯދަ މަހުގެ ބައެއް ދުވަސް ދުވަހު ތިން ހަތަރު ފަހަރު ރަށުން ކަރަންޓު ކެންޑޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ރޯދަމަހުގެ ގިނަ ދުވަސް ދުވަހު އިރުއޮއްސޭ ވަގުތަށް ކަރަންޓު ދިޔުމުގެ ސަބަބުން ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަން ވެސް އޭނާ ފާހަގަކުރިއެވެ.

ކުޅުދުއްފުށީގެ ގޭބިސީތަކުން ދުވާލަކު ކޮންމެވެސް ވަގުތަކު ކަރަންޓު ކަނޑާލަން ޖެހޭތީ މި މަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓު ހެޔޮކުރަން ނިންމާފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. މިރޭ ނެރުނު ބަޔާނެއްގައި ފެނަކައިން ވަނީ ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ވެސް ބުނެފައެވެ.

އެގޮތުން މިހާރު ވެސް އާ ޖެންސެޓެއް ކުޅުދުއްފުށްޓަށް ގެންދެވި، އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އޭރުން އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުނެއެވެ.