މާލެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ނިންމާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު، ސްމާޓް ސީޓިއެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުޅިފަޅާއި ގިރާވަރުފަޅުން ކުރީ ސަރުކާރުން ބިން ދީފައި ވަނީ ގޯތިތަކަށް ނަރުދަމާ އަޅާ ކަރަންޓު ވިއުގަ އާއި ގުޅުވާނެ ޖާގަ ނުލާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެ ބިންތަކުގެ ބޮޑުމިނަށް ބަލައި އަދި އެތަންތަނުން ގޯތި ލިބޭ ފަރާތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް ދެކޮށި ދޭތެރޭ ހުންނަ ޖާގަ އިތުރުކޮށް އަލުން ލޭންޑް ޔޫސް ޕްލޭން ހަދަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެގޮތުން ޒަމާނީ ސިޓީއެއްގެ ގޮތުގައި ރާވާ ތަރުތީބުކޮށް ދެ ރަށްވެސް ސްމާޓް ސިޓީއެއްގެ ގޮތުގައި ތައްރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އަޅާ ފްލެޓްތަކަކީ ރައީސް މުއިއްޒުގެ ސަރުކާރުން އަލަށް ހިއްކަން ނިންމި ސަރަހައްދުތަކުން ދެ ރަށުގެ ބިމަށް އިތުރުވާ ސަރަހައްދުގައި އިމާރާތް ކުރަން ނިންމާފައިވާ ފްލެޓްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމްދާން ޝަކީލް މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ 'ސުވާލާ ޖަވާބު' ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހުޅުމާލެއާއި ގިރާވަރުފަޅައި ގުޅިފަޅުން ފްލެޓް ދޭނެ ކަމަށް މުއިއްޒު ވިދާޅުވުމުންނެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެކުލަވައިލި، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ކުރީގެ ސަރުކާރުން އެއްވެސް ހަމައެއް ނެތި ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ލިސްޓުން އެތައް ހާސް ބަޔަކު އެގޮތަށް އުނިކޮށްފައިވާ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން އެ ފަރާތްތަކަށް ވެސް ފްލެޓް ދޭނެ ކަމަށް ވައުދުވެފައިވާނެ ކަމަށާއި އާ މަޝްރޫއުތައް ފަށާއި ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން ފްލެޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅާއި ގުޅިފަޅަކީ ކުރީ ސަރުކާރުގެ ގެދޮރުވެރިންގެ ސްކީމް ޕްލޭނާއެކު މާލެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާފައިވާ ތަނެއް ކަމުން ގިނަ ބަޔަކު ވަނީ މުއިއްޒު އެ ސަރަހައްދު ފްލެޓް ދެއްވާނެ ކަމަށް ވިދާޅުވުމުން ސުވާލު އުފައްދާފައެވެ.