އަލީނާ ގިސްލަމުން ބޯ ހިއްލާލާފައި ވާހަކަ ދެއްކިއެވެ. "އަހަރެން އެއްވެސް މީހަކު ނުމަރަން... އަހަރެން ސަލާމަތް ކުރޭ.... ރަނާ އެހެން ހެދީ... އަހަރެން ނިދާ އިރަށް ރަނާ އާދޭ... އަހަރެންނަށް އޭނަ ފެނޭ.... މިޝްކާ އެމީހުން ކައިރީ ބުނޭ އަހަރެން ނިދާކަށް ބޭނުމެއް ނޫނޭ.... ޕްލީސް... ބުނޭ އަހަރެން ނުނިދާނަމޭ... ރަނާ އަންނާނެ އަހަރެން ނިދީމަ..."
އަލީނާގެ ޖުމްލަތައް އަޑުއަހަން ހުރި ޑޮކްޓަރުގެ އެދުމަށް ހުރިހާ ނަރުސްކުދިން ދުރަށް ދިޔައެވެ. އަދި ފަރުދާ ކަހާލުމަށްފަހު މިޝްކާއާއި އަލީނާއާއި އެކަހެރިވެލަން ވަގުތު ކޮޅެއް ދިނެވެ. އިރުކޮޅެއް ފަހުން މިޝްކާގެ ފޯނަށް މެސެޖެއް އައުމުން ފޯނަށް ބަލާލިއެވެ. އެ މެސެޖް ފޮނުވީ އަލީނާގެ ބައްޕައެވެ. "ނަރުސްކުއްޖާ ތިތާ މޭޒު މަތީ ބަހައްޓާފަ ހުރި ބޭސްކާޑުން އެއްގުޅަ އޭނާއަށް ކާންދެވޭތޯ ބަލާބަލަ... އެއީ ނިދާ ބޭސް... ޖޫސްތައްޓެއް ވެސް އިންނާނެ... ޕްލީސް... އަލީނާ މިޝްކާއަށް އިތުބާރު ކުރާނެ..." މެސެޖް ކިޔާލުމަށްފަހު މިޝްކާ މޭޒުމަތީގައި ފޯނު ބާއްވަމުން އަލީނާއަށް ގޮވާލިއެވެ.
"އަލީނާ... ބޮލުގަ ރިއްސާތަ؟..." ޖަވާބުގައި ބޮލުގައި ފިރުމަމުން އަލީނާ ބޯ ޖަހާލިއެވެ. އެ ވަގުތު މޭޒުމަތީ ހުރި ޖޫސްތަށި އަލީނާއަށް ދިއްކޮށްލަމުން ބޯނަންހޭ އަހާލިއެވެ. އަލީނާ ފުން ނަޒަރަކުން މިޝްކާއަށް ބަަލަން ހުރުމުން މިޝްކާ އެޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. "އިޓްސް ޔޯ ފޭވަރިޓް... އޮރޭންޖް ޖޫސް... ބޭނުންތަ؟.." އަލީނާ ހިނިތުންވެ ހުރެ ބޯ ޖަހާލިއެވެ. އަދި ޖޫސްތަށި ދިއްކޮށްލުމުން މަޑުމަޑުން އެތިފޮދު ބޮމުން ބޮމުން ގޮސް އެ ޖޫސްތަށި މުޅިންހެން ހުސްކޮށްލިއެވެ.
އަލީނާ ހުސްތަށި ދިއްކޮށްލުމުން މިޝްކާ އެކަމާ ވަރަށް އުފާ ވިއެވެ. އަދި ކައިރީގައި އޮތް ބޭސްކާޑު ނަގަމުން އަލީނާ ގާތު އަހާލިއެވެ. "މީ ބޮލުގަ ރިއްސާތީ ކާ ބޭސްދޯ..." އަލީނާއަށް އެ ބޭސްކާޑަށް ބަލަމުން އޭނާގެ ދެލޯ އުނގުޅާލަމުން ބުނެލިއެވެ. "ނޭނގޭ... މަގޭ ލޯ ވަރަށް ފުސް... ޕެރަސެޓަމޯލްތަ؟...."
މިޝްކާއަށް އެ ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށްފަަހު ބޭސް ކާޑަށް ރަނގަޅަށް ބަލާލުމަށްފަހު ބުނެލިއެވެ. "އާން... މީ ޕެރެސެޓަމޯލް.... މީ ތަފާތު ޕެކިން އެއްގަ އިނީމަ މަށަށްވެސް ނޭގުނީ... މަވެސް ބޮލުގަ ރިއްސާތީ މިއުޅެނީ...." އެހެން ބުނުމަށްފަހު އޭގެން ބޭސްގުޅައެއް އަނގަޔަށްލުމަށްފަހު މޭޒުމަތީ ހުރި ކުޑަ ފެން ފުޅިން ކޯވަރެއްހާ ފެންފޮދަކާއި އެކު ބޭސް ގުޅަ ދިރުވާލިއެވެ.
މިޝްކާ އެ ބޭސްގުޅަ ކެއުމުން އަލީނާ ވެސް އެއިން ގުޅައެއް ދީބަލާށޭ ބުނެލިއެވެ. މިޝްކާގެ ޕްލޭން ކާމިޔާބު ވުމުން ވަރަށް އުފާވިއެވެ. އަލީނާއަށް ބޭސްގުޅަ ދިނުމަށްފަހު ރިޒާއަށް މެސެޖަކުން ބޭސް ދިން ވާހަކަ ބުނެލިއެވެ. އަލީނާއާއި ވާހަކަ ދައްކަމުން އެނދުގެ މަގަތުގައި މިޝްކާވެސް ހަމަޖެހިލައި އޮށޯވެލިއެވެ. މިހެން ދެމީހުން ވާހަކަ ދައްކަން ތިބެވުނީ ކިހާ އިރެއް ވަންދެން ކަން އެކަކަށްވެސް ނޭނގުނެވެ.
ފުން ނިންޖަކުން ނިދާފައިވާ މިޝްކާއަށް ލޯހުޅުވާލެވުނީ މީހަކު އޭނާގެ ނަމުން ގޮވާތީއެވެ. މޯޅިއަކަށް ދެމެމުން ލޯހުޅުވާލިއިރު މިޝްކާއަށް މި އޮވެވުނީ ކޮންތާކުކަން ރޭކާލިއެވެ. ފުންމައިގެން ތެދުވެ ވަށައިގެން ހޯދާލެވުނީ ކައިރީގައި އަލީނާ ފެންނަން ނެތުމުންނެވެ. މިޝްކާއަށް ގޮވަން އައިސްހުރި ނަރުސްކުއްޖާ ގާތުގައި އަލީނާ ކޮބާތޯ އަހާލިއެވެ.
ނަރުސް ކުއްޖާ ޖަވާބު ދިނެވެ. "އަލީނާ މެންޓަލް ހޮސްޕިޓަލަށް ޓްރާންސްފަރ ކޮށްފި..."
އެޕިސޯޑް- 12އެނދުމަތިން ފުންމައިގެން ތެދުވެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އެނދުގެ ވަށައިގެން ފަރުދާ ކަހާފައި ވުމުން ބަންދުކަމެއް މިޝްކާއަށް އިހްސާސް ވިއެވެ. އެނދުކައިރީގައި އިން މިޝްކާގެ ބޫޓަށް އެރުމަށްފަހު ލައިގެންހުރި ކުރު ޓޮޕްކޮޅު ރަނގަޅު ކޮށްލިއެވެ. މިޝްކާގެ ފަން ދިގު އިސްތަށިގަނޑު ހައްޔަރު ކޮށްލާފައިވާ ވޫލްކޮޅު ނައްޓާލުމަށްފަހު ބޮލުގައި އަތްކާތާ އޮމާން ކުރަމުން އަވަސް ފަރުވާދޭ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އެވަގުތު އެނދު ކައިރީ ހުރި ނަރުސްކުއްޖ މިޝްކާއަށް ގޮވާލުމުން ފަސްއެނބުރި ބަލާލެވުނެވެ. މިޝްކާގެ ފޯނު ދިއްކޮށްލިއެވެ. އަވަހަށް ނުކުންނަން އުޅުމުގެތެރޭގައި ފޯނު ބޭއްވިފައި އޮތްކަންވެސް ހަނދާން ނެތުނީއެވެ.
މިޝްކާގެ ހިތުގައި ފެންމަތިވަމުން އައި ސުވާލުތައް ކޮށްލަން ބޭނުންވެފައި ހުރުމުން އެ ނަރުސްކުއްޖާ ގާތު އެ ސުވާލުތައް އެއް ފައްޗަކަށް އަހާލިއެވެ. “އަލީނާ ކީއްވެ މެންޓަލް ހޮސްޕިޓަލަށް ބަދަލުކުރީ؟… ހައުޒް ޝީ؟… ކީއްވެ އަޅުގަނޑަށް ނުގޮވީ؟…”
ނަރުސް ކުއްޖާ ހިނިތުންވުމަކަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ. “ހެނދުނު ޑިއުޓީގައި ތިބި ކުދިންނަށް ތި ކޭސް އެކްސްޕްލޭން ކޮށްދެވޭނީ…. އަޅުގަނޑު ދެންމެ މިއައީ ޑިއުޓީއަށް… އެކަމު އެކުދިން ބުނި ގޮތުގައި އެ ޕޭޝަންޓް ކޮންޓްރޯލް ނުކުރެވިގެން އުޅެނިކޮށް ޔޫ ހެލްޕްޑް… އެންޑް ނިދިފައި އޮތީމަ ރިޒާ އެދިލެއްވީ ހޭލަންދެން ބާއްވާލަ ދޭށޭ…. މެންޓަލް ހޮސްޕިޓަލަށް ބަދަލު ކުރަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑުވަރުވެ އަމިއްލަ ނަފްސަށް އަނިޔާކޮށް އެހެންމީހުންގެ ތެރޭގައި ގެންގުޅެން އުނދަގޫވާ ފަދަ ޕޭޝަންޓްސް… އެ ހޮސްޕިޓަލުގައި އެކަހަލަ މީހުންނަށް ހާއްސަ ފަރުވާ ދެވޭނެތީ އެކޮޅަށް ބަދަލުކުރީ ރިޒާގެވެސް އެދުމުގެ މަތިން….”
މެންޓަލް ހޮސްޕިޓަލުގެ ވާހަކަ ދެއްކުމުން ބުނެދޭން ނޭނގޭ ކަހަލަ އިހުސާސްތަކެއް މިޝްކާއަށް ކުރެވެން ފެށިއެވެ. އެ ހޮސްޕިޓަލުން ދެވޭ ފަރުވާގެ ސަބަބުން ލިބޭ ސައިޑް އިފެކްޓްސް ތަކުގެ ވާހަކަ މީސްމީހުންގެ ފަރާތުން މިޝްކާ ވަނީ ކުރިން އަޑު އަހާފައެވެ. މީހާ މުޅިން ރަނގަޅު ވާއިރު އެމީހާގެ ޙަޔާތުގެ ބައެއް ނޫނީ މުޅި ޙަޔާތް ކަހަލަ ގޮތަކަށް ހަނދާން ނެތޭ މީހުން މަދެއް ނޫނެވެ. އަލީނާއަށް އެތަނުން ދެވޭ ފަރުވާތަކެއްގެ ސަބަބުން މިޝްކާމެން ހަނދާން ނެތުން އެއީ އެއްގޮތަކަށްވެސް މިޝްކާ ބޭނުންވާ ގޮތެއް ނޫނެވެ.
އަވަސް ފަރުވާދޭ ކޮޓަރިން ނުކުތުމަށްފަހު ކުރިޔަށް ހިނގައިގަންނަން މަސައްކަތް ކުރިއިރު މިޝްކާ އަރި އަޅާލިއެވެ. އެ ވަގުތު އަވަސް ފަރުވާދޭ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނދެގެން އިން ޒުވާނެއް ހަލުވިކަމާއިއެކު ތެދުވެ މިޝްކާގެ އަތުގެ މުލައްދަނޑީގައި ހިފާ މިޝްކާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އިސް އުފުލާލައި އެ ޒުވާނާއަށް ބަލާލުމަށްފަހު މިޝްކާ ޝުކުރު އަދާކުރިއެވެ. އަދި އަވަސް ފަރުވާދޭ ކޮޓަރި ކައިރީހުރި ފާހާނާއަށް ވަންނަން ހިނގައިގަތެވެ. އެ ޒުވާނާ އެހުރި ފިޔަވަޅުމަތީ މިޝްކާ ދިޔަ ދިމާލަށް ބަލަން ހުރީއެވެ.
ފާހާނާއަށް ވަދެ މޫނު ދޮވެލުމަށް ފަހު ޓީޝޫ ބޮކްސްއިން ޓިޝޫއެއް ނަގާ މޫނުން ފެން ހިއްކަމުން ލޯގަނޑަށް ބަލަން މިޝްކާއަށް ހުރެވުނީ ކަންތައްވީ ގޮތް ހިތަށް އަރާފައެވެ. ފޯނު ނަގާ ރިޒާގެ ނަންބަރަށް ގުޅާލިއެވެ. ރިންގު ކެނޑުނު އިރުވެސް ފޯނެއް ނުނަގައެވެ. ރިޒާގެ ނަންބަރަށް އިތުރަށް ގުޅަން މިޝްކާ ޖެހިލުންވިއެވެ. ރަސްމީ ބައްދަލުވުމެއްގައި ވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ހާސްވެހުރެ ސީމައްތަ ގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ސީމައްތަގެ ފޯނު ވަނީ ނިއްވާލާފައެވެ. ގޮތް ހުސްވެހުރެ ފާހާނާއިން ނިކުމެ ހޮސްޕިޓަލުން ނުކުތުމަށް މައި ދޮރާއްޓާ ވީ ފަރާތަށް މިޝްކާ ހިނގައިގަތެވެ.
ކުއްލިއަކަށް މިޝްކާގެ ކުރިމައްޗަށް އައިސް މީހަކު ހުއްޓުމުން އެމީހާއަށް ތަން ދެއްކުމަށް މިޝްކާާ އެއްކައިރިއަށް ޖެހިލިއެވެ. ނަމަވެސް އަތަކަށް ގުޑިނުލާ އެ ފިރިހެން ކުއްޖާ ހުރި ފިޔަވަޅު މަތީ ހުރުމުން އިސް އުފުލާލާ އެ ޒުވާނާގެ މޫނަށް މިޝްކާ ބަލާލިއެވެ. ދަންނަ މޫނަކާއި ވައްތަރުވީ ނަަމަވެސް އެއީ ކާކު ކަމެއް މިޝްކާގެ ހަނދާނުގައެއް ނެތެވެ. ކުޑަ ހިނދުކޮޅެއް ކުރިން މިޝްކާ އަރިއަޅާލި ވަގުތު ހިފެހެއްޓި ޒުވާނާކަން މިޝްކާއަށް އެނގުނެވެ. އަދި ހިތާ ހިތުން ސުވާލު ކޮށްލެވުނެވެ.
“މި ޒުވާނާ ކީއްކުރަންބާ އަހަރެން ފަހަތުން މި އަންނަނީ؟… ތަން ދެއްކީމަވެސް ގުޑިނުލާ ތާކު ހުރި ބުދެއްހެން މިހުރީ ކީއްވެބާ؟…. އަނެއްކާ މީ ކާކު؟… މަށާ ބެހެން ކަންނޭނގެ އެ އުޅެނީ… މަންމަ ބުނި ފާޑު ފާޑުގެ މީހުން އުޅޭނެޔޭވެސް…. އޯގޯޑް ހެލްޕް މީ…”
ކުރިޔަށް ދާން މިޝްކާ ފިޔަވަޅު އެޅުމުން މިޝްކާ ކުރި މެރުމަށްޓަކައި އޭނާގެ އަތް ހުރަސް ކޮށްލިއެވެ. އެހެން ކަމުން މިޝްކާ އަޑު ބަރުކޮށް ބުނެލިއެވެ. “އެކްސްކިއުޒްމީ… ވަޓްސް ރޯންގް ވިތު ޔޫ….”
“އާދޭ ގެއަށް ދާން…” ހޮސްޕިޓަލުން ދޮރާ ދިމާލަށް އިޝާރާތް ކުރަމުން އެ ޒުވާނާ އެހެން ބުނުމުން މިޝްކާ ވަރަށް ހައިރާން ވިއެވެ.
ދެ ބުމަ ގޮށްޖަހައިގެން ހުރެ މިޝްކާ ހިނގައިގަތުމުން އެ ޒުވާނާ މިޝްކާގެ ފަހަތުން އައެވެ. ގޮތް ނޭނގޭ އެ ޒުވާނާގެ އަމަލުތައް ހުރި ގޮތުން މިޝްކާ ހުރީ ފަސްޖެހި ބިރުގެންފައެވެ. ފިޔަވަޅު އަވަސްކޮށްލަމުން މިޝްކާ ހިނގައިގަތީ އެ ޒުވާނާއާ ދުރަށެވެ. ދެންވެސް އެ ޒުވާނާ މިޝްކާއާއި މުޚާތަބުކޮށް ވާހަކަ ދައްކަން ފެއްޓިއެވެ. “މިއޮތީ ކާރު…. މިކޮޅަށް އާދޭ…”
ރުޅިއައިސް ލޭކެކި މިޝްކާ އިންތިހާއަށް ރުޅި ގަދަވިއެވެ. އަނބުރި އެ ޒުވާނާއާއި ކުރިމަތިލަމުން އަތް އުކަމުން މިޝްކާ ހިތުގެ އުދާސްތައް އެއް ފައްޗަކަށް ބޭރު ކޮށްލިއެވެ. “ކޮން ކާރެކޭތަ ތި ކިޔަނީ؟… މަމީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫން އިނގޭ… މަށަކަށް ނޭނގޭ ތީ ކާކު ކަމެއްވެސް… ތަނަކުން ފެންނަ މީހަކަށް އެހީތެރި ވެވުނީމަ ދެން ހީވަނީ ތިމާ މީހާ މީ ހީރޯ އެކޭ…. ތިހާ ފަސޭހައިން މަށެއް ނުދާނަން… ތިމާގެ ހުރި ތަނަވަސްކަން ދައްކަން ކާރަށް އަަރާށޭ އެބަ ކިޔައެއްނު…”
އެ ޒުވާނާ ދެލޯ ބޮޑުކޮށްގެން ހުރެ ވަށައިގެން އެއްވަމުން ދިޔަ މީހުންނަށް ބަލަމުން ބުނެލިއެވެ. “ރިޒާގެ ކާރު ޑްރައިވަރު މީ…. އަޅުގަނޑު ގާތު ރިޒާ ވިދާޅުވީ މިޝްކާ ހޭލީމަ ގޮވައިގެން ގެއަށް އަންނަން މަޑު ކުރާށޭ… އަޅުގަނޑު މި އުޅެނީ ތިޔަ ވިދާޅުވި ކަހަލަ ދަށު ދަރަޖައިގެ ނިޔަތެއްގައެއް ނޫން…”
ކަންތައް ވީ ގޮތް އެނގުމުން މިޝްކާ ވަަރަށް ލަދު ގަތެވެ. އެއްވެ ތިބި މީހުންގެ ޗުކުޗުކުތައް އަމާޒުވީ މިޝްކާއަށެވެ. މަޑު ހިނގުމެއްގައި އިސްޖަހައިގެން ހުރެ ރިޒާގެ ކާރު ޕާކް ކުރެވިފައިވާ ޒޯނު ކައިރިޔަށް ގޮސް ހުއްޓިގެން ހުރީއެވެ. އެ ޒުވާނާ ކާރަށް އެރުމަށްފަހު މިޝްކާއަށް ބަލާލިއެވެ. ކާރަށް އެރުމަށް އިޝާރާތް ކުރުމުން ކާރުގެ ފަހަތުދޮރު ހުޅުވާލުމަށްފަހު މިޝްކާ ކާރަށް އެރިއެވެ. ކާރުގައި އިން އިރު އިރުއިރުކޮޅުން މިޝްކާއަށް އެ ޑްރައިވަރާއި ދިމާލަށް ބެލެއެވެ. އަދި ކާރު އައިސް ގޭ ދޮރު މައްޗަށް މަޑުކޮށްލުމުން ކާރުން ފޭބުމަށްފަހު ޑްރައިވަރުގެ ކިބައިން ނިހާޔަތަށް މައާފަށް އެދުނެވެ. ލުއި ހިނިތުންވުމާކާއި އެކީ އޭނާ ‘އިޓްސް އޯކޭ’ އޭ ބުނެލިއެވެ.
ހުޅުމާލެ އައިސް އެކާރުގައި ހޮސްޕިޓަލަށް ދަތުރު ކުރި ނަމަވެސް މިޝްކާ ހާސްވެފައި ހުރުމުގެ ސަބަބުން އެއްވެސް ގޮތަކަށް ކާރު ދުއްވަން އިން ޑްރައިރަށް ބަލާނުލެވުނީއެވެ. ވާނީވެސް އެހެންތާއެވެ.
ކާރުގެ ދޮރު ލައްޕާލުމަށްފަހު ކުރިމަތިން ފެންނަން ހުރި ބޮޑު ގެއާ ދިމާލަށް ބަލަން ހުރެވުނީ އަންތަރީސް ވެހުރެއެވެ. ބޮޑުގޭޓުގެ ދޮރު ކައިރީ ހުއްޓިގެން ހުރި ދޮރުވާނަށް މިޝްކާ ފެނުމުން ލުއި ހިނިތުންވުމަކާއި އެކު ތެދުވެ ގޭޓުގެ ދޮރު ހުޅުވާލަދިނެވެ. އަދި ކުރިމަތިން ފެންނަން ހުރި ދޮރުން ވަނުމަށް އެމީހާ ބުންޏެވެ. ގޭޓާއި އެދޮރާއި ދެމެދުގައި ވަނީ ތަފާތު މާމަލުގެ ގަސްތައް ހައްދާފައެވެ. ހީވަނީ ކުޑަ ބަގީޗާއެއް ހެންނެވެ. މަޑު އަދި ގަދަ ފިޔާތޮށި ކުލައިގެ ލިލީ މާތަކުން ފުރިފައިވާ ފެން ގަނޑެއް މާ ގަސްތަކުގެ މެދުގައި ހަދާފައި ވާއިރު އެ މަންޒަރު ވަރަށް ޗާލެވެ. ގަސްތަކަށާއި މާމަލަށް ބަަލަމުން މިޝްކާ ދޮރު ކުރިމައްޗަށް ހުއްޓި ދޮރުގައި ހަރުކުރެވިފައިވާ ރަނގަބީލަށް ފިތާލިއެވެ.
ކުޑަ ވަގުތުކޮޅަކަށް ފަހު ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ މެދު އުމުރުގެ އަންހެނެކެވެ. މިޝްކާއަށް އެ އަންހެންމީހާ އެއީ ކާކުކަމެއް ނޭނގުނެވެ. އަނެއްކާ މިއާދެވުނީ ރަނގަޅު ގެއަށް ބާވައޭ ހިތަށް އަރަމުން ދިޔައެވެ. އަހާނީ ކީކޭ ބާއޭވެސް ހިތަށް އެރިއެވެ. ދުލަށް ހަރަކާތެއް ނުގެނެވިގެން އުޅެނިކޮށްް އެ އަންހެން މީހާ ސުވާލުކޮށްލިއެވެ. “ތީ މިޝްކާތޯ؟…” ޖަވާބުގައި މިޝްކާ ބޯޖަހާލުމުން އެ އަންހެން މީހާ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ.
ގޭތެރެއަށް ވަނުމަށްފަހު އެ ގޭގެ ފުރިހަމަކަމަށް ބަލަން މިޝްކާއަށް ހުރެވުނީ އަންތަރީސް ވެފައެވެ. އަލީނާގެ ދިރިއުޅުން ހުންނާނެ ގޮތް ތަސައްވަރު ކުރެވިފައި ނުވާތީ މިޝްކާއަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. ޝާހީ ފަރުމާއަށް ހަދާފައިވާ ސޯފާ ސެޓެކެވެ. އެ ސޯފާގައި އިށީނުމުން ގޮނޑީގެ ސްޕޮންޖުގެ އަރާމުކަމުން މިޝްކާއަށް އެ ގޮނޑީގައި ލެގިލަމުން ރަނގަޅަށް ގޮނޑިއަށް ފަތާވެލިއެވެ. އެ ވަގުތު އެ އަންހެން މީހާ މިޝްކާއަށް ޖޫސް ތައްޓަކާއި ފެންތައްޓެއް ހިފައިގެން އައެވެ. ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި އެ ތަބައް ބެހެއްޓުމުން މިޝްކާ ޖޫސްތަށި ނަގާ ބޯންފެށިއެވެ. މިޝްކާ ހުރީ ވަރަށް ބަނޑުހައި ވެފައި ކަމުން އެއް ނޭވާއިން ޖޫސްތަށި އެއްކޮށް ހުސް ކޮށްލިއެވެ. އަދި ފެންތަށި ނަގަމުން ސީމައްތަ ކޮބައިތޯ ސުވާލު ކޮށްލިއެވެ.
ތަބައް ނަގައިގެން ހިނގައިގަންނަމުން މެޑަމް މަތީގައި އުޅޭ ކަމަށް އެ އަންހެން މީހާ ބުނެލީ ސޯފާގެ ފަަހަތުގައި މައްޗަށް ދެވެން ހުރި ސިޑިބަރި ދައްކާލަމުންނެވެ. ސިޑިން މައްޗަށް ދާން މިޝްކާ ހިނގައިގަތެވެ. ފާރުގައި ހަރު ކޮށްފައިވާ ތަސްވީރުތަކަށް ބަލަމުން މަޑު ފިޔަވަޅުތަކުގައި މިޝްކާ ހިނގަމުން ދިޔައެވެ. އަލީނާގެ އާއިލާގެ އެކި ދުވަސްވަރުގެ ތަސްވީރުތައް ފްރޭމްކޮށް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. އޭގެތެރެއިން އަލީނާގެ މަންމައާއި ބައްޕަގެ ޒަމާންވީ ފޮޓޯތައްވެސް ހުއްޓެވެ.
ފުރަތަމަ ބުރިއަށް އެރި އިރު އެބައިގައި ތިން ކޮޓަރި ފެންނަން ހުއްޓެވެ. އޭގެތެރެއިން މެދަށް ހުރި ކޮޓަރިއާއި ދިމާލަށް މިޝްކާ ހިނގައިގަތެވެ. އެމީހާ ބުނި ފަދައިން ސީމާއްތަ އިންނާނެ ކަމަށްވަނީ ސިޑިޔާ ދިމާލަށް ހުރި ކޮޓަރީގައި ކަމަށް ބަލައި ދޮރު ހުޅުވާލިއެވެ. ކޮޓަރީގެ ތެރެއިން ފެންނަމުން ދިޔައީ އަނދިރި ކަމެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ ކޮޓަރީގެ ސައިޑް ޓޭބަަލް މަތީ ހުރި ބައްތި ދިއްލާލުމުން ކޮޓަރި ތެރެއަށް ފަނޑު އަލިކަމެއް ފާޅުވާން ހުއްޓެވެ.
“މިޝްކާ… އާދޭ އެތެރެއަށް…” ސީމާ ކުރަކި ވެފައިވާ އަޑަކުން މިޝްކާއަށް ގޮވާލިއެވެ. އެހިސާބުން އެ ބައްތި ދިއްލީ ސީމާކަން މިޝްކާއަށް ޔަޤީން ވިއެވެ. މަޑު ހިނގުމެއްގައި އެތެރެއަށް ވަނުމުން ސީމާ އެދުނީ އޭނާގެ މަގަތުގައި އެނދުގައި މިޝްކާ އިށީނުމަށެވެ.
އެ ކޮޓަރީގެ ތެރޭގައިވާ ފަރުނީޗަރު ހުރީ ހުދުކުލައިގައި އެއް ޑިޒައިނަކުންނެވެ. ކޮޓަރި ތެރެއިން ދުވަމުން ދިޔައީ މަލެއްގެ މަޑުމަޑު މީރު ވަހެކެވެ. އެއީ ކޮޓަރީގެ ކުޑަދޮރު ކައިރީހުރި މޭޒެއްގެ މަތީގައި ބަހައްޓާފައި އިން މާ ޓުކުރީގައި ހުރި ތާޒާ މަލުން ދުވަމުންދާ މީރު ވަސްކަން މިޝްކާއަށް އެނގުނެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ސީމާ ވާހަކަ ދައްކަން ފެއްޓިއެވެ. “ސަލީމް ދޯ މިޝްކާ ގެނެސްދިނީ… އަހަރެން ބުނިން ރިޒާ ކައިރީ ސަލީމް ބަހައްޓާށޭ ހޮސްޕިޓަލުގަ…. މިޝްކާ ގޮވައިގެން އަންނަން…. އެއީ ވަރަށް ރަނގަޅު މީހެއް… އޭނާ ދޯ ގެނެސްދިނީ…”
ރިޒާގެ ކާރު ޑްރައިވަރުގެ ވާހަކަ ބުނުމުން ކުރިން ކަންތައް ހިނގައިދިޔަ ގޮތް ހަނދާންވިއެވެ. މިޝްކާ ލަދުގަންނަ ގޮތްވުމުން އިތުރު ވާހަކައެއް ނުދައްކާ މަޢުޟޫ ބަދަލު ކޮށްލިއެވެ. “ސީމައްތަ ރޮނީތަ؟… ކޮބާ އަލީނާ؟… ނަރުސް ކުއްޖާ ބުނި މެންޓަލް ހޮސްޕިޓަލަކަށް ބަދަލު ކުރި ވާހަކަ… އެއީ ތެދެއްތަ؟…”
މިޝްކާއަށް ބަލާލުމަށް ފަހު ސީމާ ބޯ ޖަހާލިއެވެ. “އެއީ ޑޮކްޓަރުން ދިން ލަފާ…. އަހަރެން ބުނިން އެ މަންޖެ އެތަނަށް ނުގެންދާށޭ… އެއީ ޖިިންނި ޝައިތޯނީ ކަމެކޭ… އެކަަހަލަ ކަންކަން ބޭސް ފަރުވާކޮށްގެން ވަކި ރަނގަޅު ވާނެތަ؟…. އަލިބެ ދެއްކި ވާހަކަވެސް ރިޒާއަށް ކިޔައި ދިނިން…..” ސީމާގެ ވާހަކަ އެހިސާބަށް ގޮސް މެދު ކަނޑާލިއެވެ. ވާހަކަ މެދުކެނޑުމުން މިޝްކާ ސީމާއާއި ދިމާލަށް ބަލާލިއެވެ. އޭރު ސީމާ ވަނީ ފުން ޚިޔާލެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ.
ސީމާގެ އަތުގައި ހިފާލަމުން މިޝްކާ ވާހަކަ އިތުރަށް އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ. ” ދެން ކީކޯ ރިޒާބެ ބުނީ؟…”
ފުން ނޭވާއެއް ލުމަށްފަހު ނޭފަތް ދަމާލަމުން ސީމާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ރިޒާ އެކަހަލަ ކަންތަކާ ވަރަށް ދުރުވާނެ…. ފަންޑިތަ ހަދައިގެން ފާލު ބަލައިގެން ކަންތައް ކުރާ މީހުންދެކެ އޭނަ ވަރަށް ރުޅި އަންނާނެ….” އަނެއްކާވެސް ސީމާގެ ވާހަކަ މެދުކަނޑާލިއެވެ. ކެތްމަދުވެފައިވާ މިޝްކާ ދެން ހުރިބައިތައް ހޯދަން ބޭނުންވެގެން ސުވާލުކުރަން ފެއްޓިއެވެ. “އެއީ ކީއްވެޔޯ؟…”
ސީމާ އެނދުން ތެދުވެ ބުރަކަށި ދަށަށް ބާލީހެއް ލައްވާލައި އެނދުގެ ހެޑްބޯޑުގައި ލެގިލަމުން ވާހަކަ ފެއްޓިއެވެ. “އަސްލު އެއީ ވަރަށް ކުރީގެ ކަމެއް…. އަލީނާގެ ބައްޕަ ފަރާތު މާމަ އަކީ ކުރީގަ ޖިންނި މޮޔަވި މީހެއް…. އެއީ ރިޒާގެ މަންމަަ ހަރިއްޔާ…. ހަރިއްޔާއަށް ފަރުވާކުރަން ރިޒާގެ ބައްޕަ ނުހޯދާކަށް ފަންޑިތަވެރިއެއް ނެތް… ރިޒާގެ މަންމަ އެހާލުގައި އޮވެ ނިމިގެން ދިޔައީވެސް…. އެހެންވެ އޭނަ އެއްވެސް ގޮތަކަށް މިކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވަނީ….” ވާހަކަ މިހިސާބުން މެދުކަނޑާލަމުން ސައިޑް ޓެބަލް މަތީ ހުރި ފެންތަށިން ފެންފޮދެއް ބޯލުމަށްފަހު މޭޒުމަތީ ތަށި ބަހައްޓަމުން އަނެއްކާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“އެ ހުރިހާ ކަމެއް ހިނގި އިރު އަހަރެން އުޅުނީ ރިޒާއާއި އިނދެގެން… ޚުދު އަހަރެންވެސް އެ މަންޒަރު ލޮލުން ދުށިން… އަސްލު ރިޒާ ބޭނުން ނުވަނީ އޭނަ މަންމަ ނިމިގެން ދިޔަ ގޮތަށް އަލީނާ ނިމިގެން ދާން… އަލީނާ ވައްތަރީވެސް އަލީނާގެ މާމަޔާ… މާމަޔަށް ވުރެއްވެސް ބޮޑަށް އަލީނާގެ ބޮޑުދައިތައާ…”
“އަލީނާގެ ބޮޑުދައިތައޭ… ބައްޕަ ފަރާތު ބޮޑުދައިތައެއް ހުންނަކަމެއް ނޭނގޭ… އެއީ ކާކު؟…” ހައިރާންވެ ހުރެ މިޝްކާ އެއީ ކާކުތޯ އޮޅުންފިލުވަން ބޭނުންވިއެވެ.
ސީމާ، މިޝްކާގެ އަތުގައި ހިފަގެން މަޑުމަޑުން އެނދުން ފޭބިއެވެ. އަދި ކޮޓަރިން ބޭރަށް ދިޔުމަށް ހިނގައި ގަންނަމުން ބުންޏެވެ. “މިޝްކާއަށް ނޭނގިދާނެ މިހެން ބުންޏަސް…. އެއީ އޭނާ މަރުވެފަވީ މިޝްކާމެން އުފަން ނުވަނީސް…. އެ ހާދިޘާއަށް ފަހު މަންމަ މޮޔަވީވެސް…. މުޅިންހެން ދައްކާާނީ ހަމަނުޖެހޭ ވާހަކަ… ކޮންމެ ތަނަކުން ކުއްޖަކު ފެނުނަސް ރަނާއޭ ކިޔާ ރޮމުން އެ ކުއްޖެއް ފަހަތުން ދުވާނެ…. ޚުދު އަހަރެންނާވެސް މަންމަ ވާހަކަ ދައްކަނީ ރަނާއޭ ކިޔައިގެން… މަންމަ ރަނާ ދެކެ ވަރަށް ލޯބި ވާނެ…”
ސީމާގެ ވާހަކަތަކުގައި ރަނާގެ ނަން ބޭނުން ކުރުމުން މިޝްކާއަށް ސިހުމެއް ލިބުނެވެ. ސަބަބަކީ އަލީނާއަށް ހުވަފެނުގައި ފެންނަ ކުއްޖާއަށް ވެސް ކިޔަނީ ރަނާ ކަމަށް ވާތީވެއެވެ. މިޝްކާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ދެން ހޯދަންވީ މި ރަނާއާއި ބެހޭ މަޢުލޫމާތުކަން ސިގުނަލް ދެމުން ދިޔައެވެ.
- ނުނިމޭ -