"ހޫން ދެން މީރުވާނެތާ... ޒީކް ހެދީ...." ދިމާކުރަމުން ޝައްފަ ބުނެލި ޖުމްލައިން ތޫބާއަށް ލިބުނު ހައިރާން ކަން އިތުރުވިއެވެ. އެ ވަގުތު ތޫބާއަށް ޒީކާ ދިމާލަށް ބަލާލެވުނީ ހިތުގައި އެތައް ސުވާލުތަކެއް ފެންމަތި ވުމުންނެވެ. ޒީކަކީ ދުވަހަކުވެސް މިހާ ގިނަ މަސައްކަތްކޮށް ހެދި ކުއްޖެއް ނޫނެވެ. މިހާ ބޮޑެތި ބަދަލުތަކެއް އަންނަންވީ ސަބަބެއް ތޫބާއަކަށް ނުވިސްނުނެވެ. އެންމެ ކުޑަމިނުން ޒީކް ހެނދުނު ކޮފީ ބޮނީވެސް އޭނާގެ މަންމަ ތައްޔާރު ކޮށްދިނީމައެވެ.
ހެނދުނުގެ ނާސްތާގައި އެންމެން ތިބީ ވަރަށް ގަޔާވެގެން ކާށެވެ. ހަށިގަނޑުން ބައެއް މަދުވެގެން އަހާ ފަދައަކުން އީވާނަށް ނުހުރެވިގެން އަހާލިއެވެ. "ކޮބާތަ ލީވާން؟ ރޭގަ ބޭރަށް ދިޔަގޮތަކަށް އޭނައެއް ނާދޭ...."
އެންމެނަށްވެސް ލީވާން ސައިބޯން ނެތްކަން ފާހަގަވީ އެ ބުނި ޖުމްލައިންނެވެ. އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ޒީކާ ދިމާލަށް ބަލާލިއެވެ. އޭރުވެސް ޒީކް އިނީ ހަަމަޖެހިލައިގެން ރޮއްޓާ ކުޅިމަހާ ޖައްސައިގެން ކާށެވެ. އަނގަޔަށް ރޮށިކޮޅެއް ލުމަށްފަހު އިސްއުފުލާ ހަމަހިމޭންވެފައިވާ މާހައުލަށް ބަލާލިއިރު ދަތުރުގެ އެންމެންގެ ނަޒަރު ހުއްޓިފައިހުރީ ޒީކަށެވެ.
"ވާޓްސް ރޯންގް..... ކިހިނެއްވީ؟..." ރޮށިކޮޅު ކަމުން ދެބުމަ ގޮށްޖަހައިގެން ވާނުވާ ނޭނގި ހުރެ ޒީކް އަހާލިއެވެ. މިފަހަރު އެ ސުވާލު ތަކުރާރުކޮށްލީ ވިޝާލެވެ. "ޒީކް... ކޮންތާކަށް ލީވާން ދިޔައީ.... ރޭގަ ޒީކާ އެކީ ދިޔަގޮތަށް މިކޮޅަށް ނާންނާތީވެ...."
ސައި ތަށީގައި ތުންޖަހައިގެން ހުރި ޒީކް މަޑުމަޑުން އެ ޖޯޑު ދޮންވެލިގަނޑު މަތީގައި ބެހެއްޓުމަށްފަހު ޖަވާބުދިނެވެ. "ރޭގަ މަށާ އެކީ އޭނަ ހިނގާލަން ދިޔަ.... މަށަށް ބިރުދައްކަން ގަސްތަކުގެ ތެރެއަށް ވަދެ އުޅުނީ... މަ އެކަމާ ހިތްހަމަ ނުޖެހުނީމަ ބުނި އެންމެން ބިރު ގަންނަ ވަރުގެ ކަމެއް ކޮށްލާނަމޭ... އޭނަގެ ސަކަރާތްގަނޑު މާ މައްޗަށް ދާން ފެށީމަ އަހަރެން އެނބުރި އައީ ޓެންޓުތަކާއި ދިމާލަށް... އޭނައެއް ނާދޭ...."
ޒީކް ދެއްކި ވާހަކަތައް ކަނުލާ އަޑު އަހަން އީވާން އިނީ ވަރަށް ހައިރާންވެފައެވެ. "އޯހް.... އޭނަ ފޯނުވެސް ނިއްވާލާފަ އޮތީ... މިކޮޅަށް ދަތުރު އައި އިރުވެސް ބުނި ރަނގަަޅަށް ދަތުރު މަތިން ހަނދާން ނުފިލާ ވަރަށް ބިރު ދައްކާލާނަމޯ...."
ވިޝާލް ސައި ބޮއި ނިމިގެން ހުސްތަށި ހިފައިގެން މޭޒާ ދިމާލަށް މިސްރާބު ޖަހަމުން ބުނެލިއެވެ. "ތިވާނީ އަހަރެމެން އޭނަ ނުފެނިގެން ހޯދަން ދޭތޯ ބަލަން ފިލާ ހުރީ ކަމަށް.... ބަހައްޓާ.... އަހަރެމެން އޭނަ ހޯދަން ނުދިޔައިމަ ވައިވެގެން އައިސްދާނެ...."
ވިޝާލްގެ ނިންމުމަށް އެންމެންވެސް ތާއީދު ކުރިއެވެ.
ހެނދުނުގެ ސަޔަށް ފަހު ނުވައެއް ޖަހަންދެން އެންމެން އަރާމުކޮށްލަން ޖައްސާލައިގެން ތިބީ ގޮނޑުދޮށުގައި ހުރި ގަސްތަކުގެ ހިޔަލުގައެވެ. މިހެން ތިބެތިބެ ފޫހިވުމުން ޒީކް ބުނެލިއެވެ. "ދަތުރު އައިސް މިހެން ޗޮސްވެފަ ތިބޭކަށް ނުވާނެ... ހިނގާ ފައިގަތަޅާ ކުޅެން...."
ފޫހިވެފައި އެހެންތިބި ގިނަ ބައިވެރިން އެކަމާ އެއްބަސްވިއެވެ. މަޒީން ދަނޑި ބުރިއެއްގެ އެހީގައި ގޮނޑުދޮށުގައި ބޮޑު ކޯޓެއް ކުރަހާލިއެވެ. އަންހެން ކުދިންނާ ފިރިހެން ކުދިން ދެބަޔަކަށް ބަހާލިއެވެ. ގުރުއަތު ދިމާވީ އަންހެން ކުދިންނަށް ކަމުން ހުރިހާ އަންހެންކުދިން ނިންމީ ކޯޓުތެރެއަށް ވަންނާށެވެ. މަޒީނާއި ވިޝާލް އެއް ފަރާތުން ބޯޅައުކަން ތައްޔާރުވި އިރު އަނެއް ފަރާތުން ބޯޅައުކަން މިހުރީ އީވާނާއި ރާއިފާއި ލީޝަނެވެ.
މެޗު ފެއްޓުމުން އެންމެ ފުރަތަމަވެސް އެއްލި ބޯޅައިގައި ޖެހިގެން ޝައްފަ ނުބައި ވެއްޖެއެވެ. ހުރިހާ ފިރިހެން ކުދިންތައް އެއް އަޑަކުން "އޯހް... އެއްބުރުން" މިހެން ބުނެލިއެވެ.
ދެން ފިރިހެން ކުދިންތައް އުކަމުން ދިޔަ ބޯޅަތަކުގެ އަމާޒަކަށް ވީ މިންނާއެވެ. މިންނާއަށް ބޯޅައިން ރެކެވުނީ މަދު ފަހަރަކުއެވެ. ބޯޅަ ހިފަންވެގެން އަތްލާން އުޅުނު ފަހަރެއްގައި ބޯޅައިގައި ނުހިފި މިންނާ ވެސް ކުޅުމުން ބޭރުވެއްޖެއެވެ. ޒީކާއި ތޫބާ ވަރަށް އިރުވަންދެން ކޯޓު ތެރޭގައި ބޯޅައިން ރެކެން މަސައްކަތް ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ ދެމީހުން ވެސް ކުޅުމުން ބެރުވީ ބޯޅައިގައި ޖެހިގެންނެވެ. ދެ ޓީމްގެ މަގާމް ބަދަލުކޮށްލުމަށްފަހު ކޯޓު ތެރެއަށް ފިރިހެން ކުދިން ވަނެވެ. ކޯޓުން ބޭރުގައި ދެކޮޅުގައި ބޯޅަ އުކަން އަންހެން ކުދިން އެތުރިގެން ތިބީ އެއްކޮޅުގައި މިންނާއާއި ޒީކް އަނެއްކޮޅުގައި ތޫބާއާއި ޝައްފައެވެ.
ފިރިހެން ކުދިންގެ ޓީމް ވަރަށްވެ ސް މޮޅެވެ. އަންހެން ކުދިން އެއްލާ ބޯޅަ ހިފައިގެން ޓީމަށް އިތުރު ޕޮއިންޓުތައް ހޯދަމުން ދިޔައެވެ. ނަތިޖާއަކަށް ވެގެން ދިޔައީ ބޯޅައިގައި ޖެހިގެން ނުބައިވާ ކުއްޖާއަށް ހިފިފައިވާ ކެޗްތަކަށް އަނބުރާ ކޯޓު ތެރެއަށް ކުޅެން އެރި، ޓީމް ގިނައިރު ނުބައިނުވެ ކުޅެވުމެވެ. މިކަމާ ޒީކް ވަރަށް ރުޅިއައެވެ. އެހެންކަމުން އޭނާ އަތުގައި ބޯޅަ ޖެހުނު ފަހަރު ޒީކް ބޯޅަ ނަގާ މޫދާ ދިމާލަށް އެއްލިއެވެ.
ހުރިހާ އަންހެން ކުދިން އޭރު ތިބީ ވަރުބަލި ވެފައެވެ. ބޯޅަ ބަލާ މޫދާ ދިމާލަށް މަޒީން މިސްރާބު ޖެހުމުން ވިޝާލް ފަހަތުން ދުވެފައި ދިޔައެވެ. ގޮނޑުދޮށުގައި ރާޅު ބީއްސާ ހިސާބުގައިވާ ބޯޅައިގައި ވިޝާލް ފައިން ޖެހުމުން މޫދުގެ ތަންކޮޅެއް ބޭރަށް ބޯޅަ ދިޔައެވެ. އެހިސާބުން މަޒީނާއި ވިޝާލް އެކީހެން މޫދު ތެރެއަށް ފުންމާލައިގެން މިސްރާބު ޖެހީ އެންމެ ކުރިން އެ ބޯޅަ ނަގަން ދެވޭނީ ކާކަށްތޯ ބެލުމަށެވެ. މި މަންޒަރު ބަލަންތިބި ހުރިހާ އެންމެން އެކަމުގައި ބައިވެރިވާން މޫދަށް އެރި ފުންހިސާބަށް ދިޔުމަށް ފަތައިގަތެވެ.
މަންޒަރު ބަލަން ދޮންވެލިގަނޑު މަތީގައި ޒީކް އިށީނދެލައިގެން އިނީ އަތުގެ އިނގިލިތަކުން ގާކޮޅުތަކެއް ނަގައިގެން ފަސްއޮށް ކުޅެލަކުޅެލައެވެ. މޫދަށް ނޭރި އެއްގަމުގައި މަޑުކޮށްގެން ހުރި އީވާން، ޒީކް ގާތުގައި އިށީނުމަށް ފަހު ވާހަކަ ދައްކަން ފެއްޓިއެވެ. "ކީއްވެ މޫދަށް ނޭރި ތިއިނީ.... ކަނބުލޮއަށް ފަތަން ނޭނގެނީތަ؟"
*** *** *** *** *** ***
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ކަޔާން ވާހަކަ ފޮތް ލައްޕާލިއެވެ. އަދި ތެދުވެ އަވަސްވެގަތީ ގެއާއި ކައިރީގައި ހުރި މިސްކިތަށް ނަމާދަށް ދިޔުމަށެވެ. ކަޔާން ނަމާދު ކޮށްގެން އައިސް އެނދުގައި ޖައްސާލައިގެން އޮތީ ކުޑަ ވަގުތުކޮޅަކަށް ނިދާލުމުގެ މަޤްސަދުގައެވެ. ނަމަވެސް ފޯނުން އިރުއިރުކޮޅާ ގަޑި ބަލަބަލާ އޮވެވުނީ މިޝްކާއާ ބައްދަލުކުރަން ކެތްމަދުވެފައި އޮތުމުންނެވެ.
ގަޑިން ހެނދުނު ހަތެއް ޖެހުމުުން ކަޔާން އަވަސް އަވަހަށް ފާހާނާއަށް ވަދެ ރީތިވެގެން ގެއިން ނިކުމެ މިޝްކާ ބުނި ކެފޭ ދޮރުމައްޗަށް ގޮސް މަޑުކޮށްލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. ކަޔާނަށް މިއާދެވުނީ ފަނަރަ މިނެޓް ކުރިންނެވެ. އެހެންކަމުން ބޭރުގައި މަޑުނުކޮށް ކެފޭތެރެއަށް ވަނެވެ. އެ ކެފޭގެ އޯޕަންއެއަރ މާހައުލުގައި ހުރި މޭޒެއްގެ ދޮށުގައި ކަޔާން އިށީނެވެ.
ހެނދުނުގެ ފިނި ކަމުގެ ތެރެއިން އެ މާހައުލަށް ބަލަން ކަޔާނަށް ހުރެވުނެވެ. މާލޭގެ ގޮނޑުދޮށާ ކައިރީ ސަރަހައްދެއްގައިި ހުރި ކެފޭއެއް ކަމުން އެ ތަން ވަރަށް ހިތް ފަސޭހައެވެ. މަޑު މިޔުޒިކެއް ފަދައިން އިވެމުން ދިޔައީ މޫދުގެ ލޮނުގަނޑު ތޮށިގަނޑު މައްޗަށް މުގުރާލުމުން ގޮވާ އަޑެވެ. ހުޅުލެއާ މާލެއާ ދެމެދު އަޅާފައިވާ ބްރިޖްގެ ހިތްގައިމު މަންޒަރަށް ބަލަން ހުރެވުނެވެ. އެވަގުތު ކަޔާނުގެ ހަނދާނަށް އައީ ބަހަށް އެރުމަށްފަހު އަލީނާ ހަނާއަޅާލި މަންޒަރެވެ. އޭގެ މިނެޓުތަކަކަށްފަހު ބަސް އޭގެ މަންޒިލަށް ދަތުރު ފެއްޓި މަންޒަރެވެ.
އެހިސާބުން ކަޔާންގެ ސިކުނޑި ދަތުރުކުރީ އަލީނާ ލިޔުނު ވާހަކައަށެވެ. އަލީނާގެ ވާހަކާގައި ބުނެފައި ވަނީ އެއީ ތެދު ހަގީގީ ވާހަކައެއް ކަމެވެ. ކަޔާންގެ ސިކުނޑީގައި އެ ދުވަސްތައް އެނބުރެން ފެށިއެވެ. އެ ހަނދާންތަކެވެ. އެ ދަތުރެވެ. އެ ހިތާމަވެރި ހާދިސާތަކެވެ. އެ ދަތުރުން ކަޔާނަށް ނޭނގޭ ކިތަންމެ ކަމެއް ވާހަކަ ކިޔަމުން ދިޔައިރު އެނގެމުން ދިޔައެވެ. އެއްފަހަރުން އެ ވާހަކަފޮތް ނިންމާލަން ވެސް ބޭނުންވިއެވެ. ސަބަބަކީ ކަޔާނަށް ނެނގޭ ކިތަންމެ ކަމެއް އެވާހަކާގައި ހިމެނިފައިވާނޭ ކަން ކަށަވަރު ވާތީވެއެވެ. އަނެއްކޮޅުން އަލީނާ ކަޔާނާ ދުރުވާން މެދުވެރި ސަބަބު ދެނެގަތުމަކީ ވެސް އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ކަޔާން މިއަދު ހޯދަން އަޒުމް ކަނޑައަޅައިގެން އެހުރީ މިޝްކާގެ އިންތިޒާރުގައެވެ.
މިޝްކާ އައިސް ކުރިމަތީ ހުރި ގޮނޑީގައި އިށީނުމުން ކަޔާނަށް ސިހުންވެގެން ދިޔައެވެ. ލުއި ހިނިތުންވުމަކަށް ފަހު 'ގުޑް މޯނިންގް' އޭ ބުނެލީ ވާހަކަ ފައްޓާނެ ގޮތެއް ހިތަށް އަރުވާލަމުންނެވެ. އެ ވަގުތު މޭޒުދޮށަށް އައިސް ހުއްޓުނު ވެއިޓަރ ފެނުމުން ދެމީހުންވެސް އަވަސްވެގަތީ ބްރޭކްފާސްޓަށް އޯޑަރ ދިނުމަށެވެ.
ދިވެހިންގެ ސަގާފީ ކެއުމަށް ލޯބިކުރާ މިޝްކާ އޯޑަރ ދިނީ މަސްހުންޏާ ރޮއްޓަށެވެ. ކަޔާންވެސް ނިންމީ މިއަދު މަސްހުންޏާއި ރޮށި ކެއުމަށެވެ. ވެއިޓަރ އޯޑަރ ނެގުމަށްފަހު މޭޒު ދޮށުން ދުރަށް ޖެހިލުމުން މިޝްކާ ވާހަކަ ދައްކަން ފެއްޓިއެވެ. "ހާދަ އަވަހަކަށް އައިސް ތީނީ... އަނެއްކާ ރޭގަ ރަނގަޅަށް ނިދިންތަ؟..."
މިޝްކާ ސަމާސާ ކުރުމުން ކަޔާން ވެސް އެކަމުގައި ބައިވެރި ވެލިއެވެ. "ޔާ... ހަމަ ތެދެއް ތިބުނީ... އިރު އެރީވެސް މިތާ ހުއްޓާ..."
ކަޔާންގެ އެ ޖުމްލައަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެންމެފަހުން ކަޔާން އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އަހާލިއެވެ. "އޯކޭ ނައު ޓެލްމީ.... އަސްލު ކީއްވެ އަލީނާ އަހަރެންނާ ދުރަށް ދިޔައީ؟... ޑިޑް ޝީ މެޓް ސަމްވަން؟..."
މިޝްކާ ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރާލަމުން ވާހަކަ ދައްކަން ފެއްޓިއެވެ. "ނޫނޭ... ސަމްތިންގް ރިއަލީ ބޭޑް ހެޕަންޑް... އަލީނާ ހުރީ މޮޔަވެފަ...."
މިޝްކާ ގެ ޖުމްލަތަކުން ކަޔާނަށް ލިބުނު ހައިރާންކަމުން ލެގިގެންހުރި ގޮނޑިން ކުރިއަށް ޖެހި ދެބުމަ ގޮށް ޖަހާލެވުނެވެ. "ކީކޭ... މޮޔަ ވީއޭ!...؟"
- ނުނިމޭ -