ޕާސްކިތާން ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރާ ބަލޯޗިސްތާންގައި ޗައިނާއިން ހަދަމުން ދާ މަލްޓި ބިލިއަން ޑޮލަރުގެ ބަނދަރުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކޮށްފިއެވެ. މި ހަމަލާދީފައިވަނީ ވަކިވެ ގަތުމަށް މަސައްކަތް ކުރާ ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ ހަތިޔާރުއެޅި ގޮފިންނެވެ.
ޗައިނާގެ ގިނަ އަދަދެއްގެ މަސައްކަތު މީހުން އުޅޭ ބަލޯޗިސްތާންގެ ގްވާދާރު ޕޯޓު ކޮމްޕްލެކްސް އަށް ވަދެގަތުމަށް ހަތިޔާރު އެޅި މީހުން މަސައްކަތް ކުރި ކަމަށާއި 2 ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބަޑިގެ ހަމަލާތަކުގައި ހަމަލާގައި ބައިވެރިވި ބީއެލްއޭގެ 8 މީހުން މަރާލެވިފައި ވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) މަޝްއަކީ ޕާކިސްތާނުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ އެއް މަޝްރޫއަށް ވާއިރު މިއީ ޕާކިސްތާނުގެ އިގުތިސޯދާ ގުޅިފައިވާ އެންމެ އުއްމީދީ ޕްރޮޖެކްޓް ކަމަށް އެގައުމުން ގަބޫލު ކުރެއެވެ.
ސަރުކާރުގެ އޮފިޝަލެއް ކަމަށް ވާ ސައީދު އަހުމަދު އުމްރާނީ ވިދާޅުވީ, ހަތިޔާރު އެޅި މީހުން ޕޯޓް ކޮމްޕްލެކްސް އަށް ހަމަލާ ދިން ކަމަށާއި ސަލާމަތީ ބާރުތަކުން ރައްދު ހަމަލާ ދެމުން ދިޔަ އިރު, ދުޝްމަނުންގެ ހަމަލާއެއް އަރާ ދެ އޮފިސަރަކު ޒަހަމްވެފައި ވާ ކަމަށެވެ.
މި ހަމަލާގެ ޒިންމާ ބީއެލްއޭ އިން އުފުލާފައި ވާ އިރު ހަމަލާ އަމާޒު ކުރީ ސީދާ ޕޯޓް ކޮމްޕްލެކްސް އަށް ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އެ ޕޯޓް ކޮމްޕްލެކްސް އަކީ ބަނދަރު ތަރައްގީ ކުރާ ޗައިނާގެ އެތައް ސަތޭކަ މުވައްޒަފަކާއި ޕާކިސްތާންގެ އޮފިޝަލުން ނިދާ ކައިބޮއެ ހަދާ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާ ކޮމްޕްލެކްސް އެވެ.
މީގެ ކުރިން ގްވާދާރު ސަރަހައްދުގައި ޗައިނާގެ މުވައްޒަފުންނަށް އަމާޒު ކޮށް ހަމަލާދީފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަގުގެ ތެރޭގައި ޗައިނާގެ 23 އޮފިޝަލަކު ދަތުރު ކުރި އުޅަނދަކަށް ބަޑިން ހަމަލާދީފައި ވެއެވެ. އެ ހާދިސާގައި އެ 23 މީހުން ގޮވައިގެން ދަތުރު ކުރި ޕާކިސްތާންގެ ސެކިއުރިޓީ އޮފިޝަލުންގެ ތެރެއިން އެކަކު މަރުވިއެވެ.
އަދި މީގެ 5 އަހަރު ކުރިން 2019 ގައި ވެސް މި ސަރަހައްދުގައި 3 ހަމަލާއެއް ދީފައި ވެއެވެ. އެފަހަރު ހަމަލާ އަމާޒު ކުރީ އެސަރަހައްދުގެ ފަރުބަދަމަތީގައި ހުންނަ ހޮޓަލަކަށެވެ. އެ ހާދިސާގައި 5 މީހަކު މަރުވި އިރު ޕާކިސްތާން އާމީންގެ އޮފިސަރަކުވެސް ހިމެނެއެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ޗައިނާ ސަރުކާރުން 62 ބިލިއަން ޑޮލަރު ހަރަދު ކުރާ މި މާސިންގާ ބަނދަރުގެ މަސައްކަތް އަދި މުޅިން ނުނިމުނަސް ނިމިފައިވާ ބައިތައް ހުޅުވައި ދަނީ ބަނދަރުގެ ހިދުމަތްތައް ދެމުންނެވެ.
އާބާދީގައި 15 މިލިއަނެއްހާ މީހުން ދިރިއުޅޭ ބަލޯޗިސްތާނަކީ ޕާކިސްތާންގެ އެންމެ ފަގީރު ސަރަހައްދެވެ. ނަމަވެސް މި ސަރަހައްދަކީ ގުދުރަތީ ގޭހާއި, ބޯޓުދެލި, ރަން, ތެޔޮ އަދި ކޮޕާ ފަދަ މައުދަންތަކުން މުއްސަނދި ސަރަހައްދެކެވެ.
ބީއެލްއޭއިން މި ސަރަހައްދުގެ މިނިވަން ކަމަށް ހަނަގުރާމަ ކުރާ އިރު މީގެ ކުރިން އެ ޖަމާއަތުން ބޭނުންވީ އެތާނގައި ހުރި ގުދުރަތީ މުއސަނދި ކަމުގެ ހިއްސާއެކެވެ. ނަމަވެސް މިހާރު އެ ޖަމައަތުން ބޭނުންވަނީ މުޅި ސަރަހައްދު ޕާކިސްތާނާ ވަކިކޮށްލައި އަމިއްލަ މިނިވަން ދައުލަތެއް ގާއިމު ކުރާށެވެ. ސަރަހައްދުގެ ގޮތުން ބޮޑު ބަލޯޗިސްތާނަކީ 1948 ގައި އިންޑިއާއިން ވަކިވެ ޕާކިސްތާނާ ގުޅުނު ސަރަހައްދެކެވެ. ނަމަވެސް އެއިރުންސުރެ މިއަދާ ޖެހެންދެންވެސް އެ ސަރަހައްދުގައި ސަރުކާރާ ދެކޮޅު މިފަދަ ހަރަކާތެއް އޮވެއެވެ.