ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް ޑރ. ސަލްމާ ރަޝީދު އަދި ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް މުހައްމަދު ލުވައިޒު އައްޔަނު ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް އެ ދެ ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް ރައީސް ޑރ. މުއިއްޒު ފޮނުއްވައިފިއެވެ.
މއ. ދިލާސާގެ މުހައްމަދު ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެމްއެންޔޫގެ ކައުންސިލް މެމްބަރުކަންވެސް ވަނީ އަދާކުރައްވާފައެވެ.
މ. ވިލާދަށުގެ ޑރ. ސަލްމާ ރަޝީދަކީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާ އަށް ކުރިމަތިލައްވާ ސަރުކާރުގެ ކެންޑިޑޭޓު އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ.