ސަރުކާރުން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ބޮޑު އަގުގައި ޑްރޯން ގަންނަނީ މަޖިލީސް އިންތިހާބު ކެމްޕެއޮނަށް ފައިސާ ހޯދަން ކަމަށް އިދިކޮޅު އެމްޑީޕީ އިން ތުހުމަ ތުކޮށްފިއެވެ.

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް އިންތިހާބު ކެމްޕެއިނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަން ތުރުކީން އަސްކަރީ ޑްރޯންތައް ގަންނަނީ މާ އަގުބޮޑުކޮށް ކަމަށެވެ. ބަޖެޓުގައި ވެސް ނެތްކަމަކަށް ކޮންޓިންޖެންސީ ބަޖެޓުން 30 އެތައް މިލިއަން ޑޮލަރު ހަރަދުކުރިއިރު ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަން ޖެހޭ މާ މުހިންމު ކަންކަން އެބަހުރިކަމަށް އީސަ ވަނީ ބުނެފައެވެ.

މީގެ އިތުރުން އީސަ ބުނީ ދައުލަތުން އެންމެ އިސްކަން ދޭން ޖެހޭ ކަންކަން ގާނޫނު އަސާސީގައި ލިޔެފައިވާއިރު އެކަންކަން ރައްޔިތުންނަށް ފޯރުކޮށްނުދީ، ހުއްޓާލައިގެން އެހެން ކަންކަން ކުރަން ސަރުކާރުން އުޅެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، "ތެޅެމުން ފޮޅެމުން" ތުރުކީ އަށް ވަޑައިގެން ކުއްލި އަކަށް އަސްކަރީ ޑްރޯންތަކެއް ގަންނަން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި މިއީ މަޖިލީސް އިންތިހާބަށް ފައިސާ ހޯދުމަށް ކުރިކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވަމުން އިސަ ވިދާޅުވީ މިއީ ނުއަގުގައި، އާންމުކޮށް ދުނިޔޭގެ ބާޒާރުން ވިއްކާވަރަށްވުރެ އަގުބޮޑުކޮށް ކޮށްފައިވާ ކަމެއް ކަމުގައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވީ އެންމެ ބޮޑަކަށް ބެލެހެއްޓުމަކީ ކޮންމެ ގައުމަކުން ވެސް ބޭނުންވާނެ ކަމެއްކަން ފާހަގަކުރަމުން އީސަ ވިދާޅުވީ، އެކަން ކުރެވޭނީ އެ ގައުމެއްގެ ކެރިކުޅަދާނަކަން ހުރި މިންވަރަކުން ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އަސްކަރީ ޑްރޯން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ޕައިލެޓް ޕްރޮޖެކްޓެއް ވެސް ހިންގިކަން ފާހަގަ ކުރައްވަމުން އީސަ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރަހުމަތްތެރި ގައުމަކުން ރާއްޖެ އަށް ހިލޭ ޑްރޯންތަކެއް ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް، ސަރުކާރު ބަދަލުވީ އެ މަޝްވަރާތައް ދެ ގައުމުގެ އިސްވެރިން ކުރައްވަމުން ގެންދަވަނިކޮށް ކަމަށް އީސަ ވިދާޅުވެފައި ވާއިރު އެއީ ކޮން ގައުމެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ.