ދިވެހީންގެ ލޭނާރާ ގުޅިފައިވާ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ސިފަކުރަމުން އިރު، މަސްވެރިކަމާ ގުޅުން ހުރި އެތައް މަސައްކަތެއް ކޮށްގެން ދިގު މުއްދަތެއްގައި ނަފާ ހޯދާ މީހުން އުޅޭ ކަމަކީ ފާހަގަކުރަން ޖެހޭ ކަމެކެވެ. ތިލޭރުކަން ކުރާ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ދ. ހުޅުދެލީގައި ބުޅި ޖަހަން މަޝްހޫރު ހުސައިން ރަޝީދަކީ ފާހަގަ ކޮށްލެވޭ ހީވާގި މަސައްކަތް ތެރިއެކެވެ.
ޒުވާން އުމުރުގައި މި މަސައްކަތް އޭނާ ފެށި ގޮތް ހިއްސާ ކުރަމުން ހުސައިން ބުނީ، އޭނާ މި މަސައްކަތް ފެށީ އޭނާގެ ބައްޕަގެ ދޯނީގައި މަހަށް ދިޔަ ދުވަސްވަރު ކަމަށެވެ. އެ ދޯންޏަށް ބޭނުންވާ ބުޅިތައް ހަދައިދޭން ފެށި ކަމަށާއި ދެން މީހުންގެ އެދުމަށް ބުޅި ހަދައިދެމުން ގޮސް މަޑުމަޑުން މަސައްކަތް ފުޅާވެ ވިޔަފާރި އުސޫލުން މި މަސައްކަތް ކުރަން ފެށީ ކަމަށް ހުސައިން ބުނެއެވެ.
މި މަސައްކަތް އޭނާ ކުރަން ފެށީ 1995 ވަނަ އަހަރުގެ ތެރޭގައި ކަމުގައި ވީ ނަމަވެސް ވިޔަފާރި އުސޫލުން މި މަސައްކަތް އޭނާ ކުރާތާ 25 އަހަރު ވެއްޖެ ކަމަށް ހުސައިން ބުނެއެވެ.
ބުޅި ޖަހައިގެން ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ހިއްސާ ކުރަމުން އޭނާ ބުނީ، މިހާރު ބުޅީ ޖަހަނީ އޯޑަރަށް ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް އޯޑަރު ދެވޭނެ ކަމަށާއި އެ އޯޑަރަށް ބުޅި ޖެހުމަށް ފަހު އެމީހަކު އެ ހުރި ހިސާބަކަށް ޑެލިވަރީ ވެސް ކޮށްދޭ ކަމަށް އޭނާ ބުނެއެވެ.
ޑެލިވަރީ ކުރުމުގައި އަމަލު ކުރާ ގޮތަކީ އެމީހަކު އޯޑަރު ދޭ ރަށަކާ އެންމެ ގާތުގައި އޮންނަ އެއާޕޯޓަކާ ހަމައަށް ޑެލިވަރީ ކޮށްދިނުމެވެ. އާންމުކޮށް ޑެލިވަރީ ކުރަނީ ވައިގެ މަގުން ކަމަށާއި ކަނޑު މަގުން ވަރަށް މަދު ހާލަތެއްގައި ނޫނީ ފޮނުވައި ނުދޭ ކަމަށް އޭނާ ބުނެއެވެ.
އާންމުކޮށް 4 ސައިޒަކަށް ބުޅިތައް ޖަހަމުން އަންނަ އިރު އަގުތައް އުޅެނީ 8 ރުފިޔާއަށް، 10 ރުފިޔާއަށް، 12 އަދި 15 ރުފިޔާއަށެވެ. ވަކިވަކިން ބުޅިއެއްގެ އަގު ބުނެދެމުން ހުސައިން ބުނީ، 100 ބުޅި ޖަހައިދިނަސް 1000 ބުޅި ޖަހައިދިނަސް އަގު ހަދާނީ އެ ރޭޓުން ކަމަށް އޭނާ ބުނެއެވެ.
މި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދަން އޭނާ އެކި ގައުމުތަކުން ތަކެތި އޯޑަރުކޮށްގެން ގެންނަ ކަމަށް ހުސައިން ބުނެއެވެ. އެ ގޮތުން ބުޅި ޖަހަން ބޭނުންވާ ނަރު ހޯދަނީ އިންޑިއާ އިން ކަމަށާއި ކުޅުދުއްފުށީގައި ހުންނަ ރައްޓެއްސެއް މެދުވެރިކޮށް ހޮޅި އެތެރެ ކުރަނީ ޗައިނާއިން ކަމަށް ހުސައިން ބުނެއެވެ.
މި މަސައްކަތުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ ހުސައިން ބުނާ ގޮތުގައި މިހާތަނަށް އޭނާ ވަނީ ވަނީ މިލިއަނަކަށް ވުރެ ގިނަ ބުޅި ހަދާފައެވެ. މިހާތަނަށް އެހާ ގިނަ އަދަދަށް ބުޅި ހަދާފައިވާ އިރު، ބުޅި ހެދުމުގެ މަސައްކަތުން ރަނގަޅު ނަފާއެއް ލިބޭ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް މި މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަ ކުރެއެވެ.
ރެއާ ދުވާލެއްގެ މައްޗަށް 15 ގަޑިއިރު މި މަސައްކަތުގައި ހޭދަ ކުރާ އިރު 500 ބުޅި ޖަހުމަށް 4 ދުވަސް ބޭނުންވާ ކަމަށް އޭނާ ބުނެއެވެ. މި މަސައްކަތުގައި އަތްގާތްކޮށް ދިނުމަށް ބަޔަކު ނުގެންގުޅުނު ނަމަވެސް އޭނާގެ އަންހެނުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަން ފާހަގަކޮށް ޝުކުރުގެ ލިސްޓުގައި އަންހެނުން ނަން އޭނާ ހާއްސަކޮށްލިއެވެ.
މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ދިން ފާރާތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕަ ދިން ހިތްވަރުގެ ބަސްތަކުގައި ބައްޕަ ބުނެފައިވާ ވާހަކައެއް ހިއްސާ ކޮށްލަމުން ހުސަިއން ބުނީ، ބުޅި ހެދުމުގެ މަސައްކަތަކީ އެއްވެސް ގޮތަކަށް އުވިގެންދާނެ މަސައްކަތެއް ނޫން ކަމަށެވެ. އަދި ބައްޕަ ދުނިޔޭގައި ހުރި ދުވަހު ދިން ހިތްވަރު ދުވަހަކުވެސް ހިތުން ފޮހެވިގެން ނުދާނެ ކަމަށް ވެސް އޭނާ ބުނެއެވެ.
އަތްތެރިކަމުގެ މަސައްކަތުގެ މުސްތަގްބަލާ ބެހޭ ގޮތުން ހުސައިން ބުނީ، މިފަދަ މަސައްކަތް ކުރާ ޒުވާނުން މިއަދު ފެންނަ މިންވަރު މަދު ކަމަށާއި އެހެން އެކަން ދިމާވާ ސަބަބަކީ މި ފަދަ މަސައްކަތަކީ ވަރަށް ބުރަ އަދި ގިނަ ވަގުތު ނަގާ މަސައްކަތެއް ކަމަށެވެ. އަދުގެ ޒުވާނުން ބޭނުން ވަނީ ފަސޭހައިން ކުރެވޭ ފަސޭހައިން އާމްދަނީ ލިބޭނެ މަސައްކަތެއް ކުރަން ކަމަށް ވާތީ މި މަސައްކަތް ކުރާނެ ޒުވާނުން ނުފެންނަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ބުނެއެވެ.
ބުޅި ޖެހުމުގެ މަސައްކަތް ދަސްކުރަން ބޭނުންވާ މީހުންނަށް ހިތްވަރު ދެމުން އޭނާ ބުނީ، މިއީ ބުރަ މަސައްކަތެއް ކަމުގައި ވިޔަސް މިއީ އޭނާގެ ބައްޕަ ބުނި ފަދައިން އުވިގެން ދާނެ މަސައްކަތެއް ނޫން ކަމަށެވެ. މަސްވެރިކަން އޮތް ހާ ހިންދަކު ބުޅި ޖެހުން ނުހުއްޓޭނެ ކަމަށާއި މިއީ ކުރަން ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި މަސައްކަތް ދަސްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް މަސައްކަތް ދަސްކޮށް ދިނުމަކީ އުފަލާ އެކު ކޮށްދޭނެ ކަމެއް ކަމަށް ހުސައިން ބުނެއެވެ.