ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް 100 ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ރައީސް މުއިއްޒު 100 ވަނަ ކައުންސިލާ މިއަދު ބައްދަލުކުރައްވާފައިވަނީ މިހާރު ރ އަދި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އުނގޫފާރުގައެވެ. އެގޮތުން ރައީސް މުއިއްޒު ބައްދަލުކުރައްވާފައިވާ 100 ވަނަ ކައުންސިލަކީ އެ އަތޮޅު ރަސްގަތީމު ކައުންސިލެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި އެންމެ ގިނައިން އެމަނިކުފާނަށް ވޯޓު ލިބިވަޑައިގެން ތ. ގުރައިދޫއަށެވެ. އެއީ މިދިޔަ މަހުގެ 6 ވަނަ ދުވަހެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ އެހެން ރަށްތަކަށް ވަޑައިގެން އެ އަތޮޅުގެ ހުރިހާ ކައުންސިލް ތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އެއަށްފަހު ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަދި ގއ. ގެ ބައެއް ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެ ރަށްރަށުގައި މުހިންމު ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ.

އެގޮތުން ހުޅުމީދޫ އަދި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިނާއި ސާވޭގެ މަސައްކަތުގައި މިސްރުގެ ދަ އަރްބް ކޮންޓްރެކްޓާސް ކުންފުންޏަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމުގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއި ކުރައްވާފައެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ވަނީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައެވެ. އެގޮތުން ރައީސް ވަނީ ހއ. ހދ. ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

މިހާރު ރައީސް ރ އަދި ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. އަތޮޅު އަލިފުއްޓަށެވެ. އެއަށްފަހު އިއްޔެ ރ. މީދޫ އަދި މިއަދު ރ. އުނގޫފާރަށް ވަނީ ވަޑައިގެންފައެވެ.

މީގެ ކުރިން ރައީސް ވަނީ ހުރިހާ ކައުންސިލް ތަކާ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުރިހާ ރަށަކަށް ވަޑައިނުގެންނެވު ނަމަވެސް ބައްދަލުކުރެއްވުމުގެ އިންތިޒާމުތައް ހުންނަނީ ހަމަޖައްސާފައެވެ.