ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެދިކުޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރެއްވިކަމަށް ތުހުމަތުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާން ނެގުމަށް ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) އިން އަންގައިފިއެވެ.

ކެދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން އެ ކައުންސިލަށް އެންގެވިކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް އެ ކައުންސިލުން ރައީސް ދަތުރުފުޅާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައި ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ރައީސް ރަށަށް ފައިބާވަޑައިގަތުމަށްފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސުލުންވެސް ބައިވެރިވެފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތައް ބޭނުންކުރުމަކީ ކަނޑއެޅިގެން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު މަނާކޮށްފައިވާ ކަމެއްކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހަފްލާއެއްގައި އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގްސަދުގައި އިންތިޒާމުކުރެވުނު ހަފްލާއަކަށް ބަދަލުވެގެންދިޔަ ދިޔުން ކައުންސިލްގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނާ ގުޅިގެންއެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލުތަކަކީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ ކައުންސިލުތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭންވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތަކާއި ހާއްސަކޮށް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ނިންމާ ނިންމުންތަކާ ދެކޮޅަށް ކައުންސިލުތަކުން ބަޔާން ނެރުމަކީ ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް މަތިކޮށްފައިވާ ޒިންމާތަކާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެެއްވެސް ފަރާތަކުން އަމަލުތައް ބެލެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. ހަމައެހެންމެ، ރައްޔިތުންގެ އަގުލަބިއްޔަތުން ރައީސަކު އިންތިހާބުކޮށް ދިވެހި ދައުލަތް ހިންގުމުގެ ޒިންމާމަތިިކޮށްފައިވާއިރު އެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާއްސަކޮށް ކައުންސިލަކުން ކަންކަން ކުރުން ކުށްވެރިކުރާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަރާމަތާ އިއްޒަތަށް އުނިކަން ލިބޭ ގޮތަށް އެ މަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމު އެޅުވުން އެލްޖީއޭއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން އެލްޖޭއޭއިން ބުނީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ސޮއި ނެތުމާއެކު، އެކަމަށް ޒިންމާވާނެ ފަރާތެއް ނެތުމަކީ ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭކަމެއް ކަަމަށެވެ.