ރާއްޖޭގައި ގާއިމް ކުރާ ތެލެސީމިއާ ހޮސްޕިޓަލާއެކު ރާއްޖެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ތެލެސީމިއާ ބަލިމަޑު ކަމަކީ ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކުން ތަހައްމަލް ކުރަމުންދާ ކަމެއްކަން ފާހަގަ ކުރައްވާ ހަލީލް ވިދާޅުވީ އެފަދަ ކުދިންނަށް ދޭ ހިދުމަތަށް ރައީސް ހާއްސަ ސަމާލު ކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ހެލްތް މިނިސްޓަރުގެ މަގާމާ ހަލީލް ހަވާލުވެވަޑައިގަތުމަށްފަހު ބައްދަލުވާ ކޮންމެ ފަހަރަކު ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތްތަކުގެ ވާހަކަ ރައީސް އައްސަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް މިވީ ދުވަސްތަކުގެ ތެރޭގައި 5 ކުއްޖަކު ބޯން މެރޯ ޓްރާންސްލާންޓް ހެދުމަށް ފޮނުވިފައިވާކަން ހަލީލް ފާހަގަ ކުރެއްވިއެވެ. އަދި އެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ރައީސްގެ އިރުޝާދުފުޅާއެކު ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަލީލް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ވެސް 10 ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިގެންދާނެއެވެ.

ހަލީލް ވިދާޅުވީ މި ހިސާބުން އަދި ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާގެ ހިސާބު ޖެހުން ނުނިމޭ ކަމަށެވެ. އަދި މި ހިސާބު ޖެހުން ގޮސް ހުއްޓެނީ ރާއްޖޭގައި ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރެވިގެންދާ ހިސާބުން ކަމަށެވެ. އެ ހޮސްޕިޓަލްވެގެންދާނީ ރާއްޖޭގެ ތެލެސީމިއާ ކުދިން ބޭރަށް ފޮނުވާ ފޮނުވުން ނިމުމަކަށް ގެނެސް، ރާއްޖޭގައި ތިބެގެން ބޯންމެރޯ ހެދޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ހޮސްޕިޓަލްއަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ހުޅުމާލެއިން 72،000 އަކަފޫޓުގެ ބިން ހަމަޖެހިފައިވާ ކަމަށް ހަލީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ތެލެސީމިއާ ރާއްޖެއިން ނައްތާލުމަށް 10 އަހަރުގެ މާސްޓާ ޕްލޭންއެއް ތައްޔާރުކުރަމުންދާ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. ހަލީލް ވިދާޅުވެފައި ވަނީ ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުން ނުވަތަ މިހާރަށްވުރެ ބޮޑު ތަނުން ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި 10 އަހަރުގެ މާސްޓާ ޕްލޭންގެ ތެރެއިން އެކަމަށްޓަކައި ބައެއް ދިރާސާތައް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.