އޭޝިއާގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަހު މުކޭޝް އަމްބާނީގެ ދަރި އަނަންތް އަމްބާނީ ގެ ކައިވެނީގެ އެންމެ ހާއްސަ ރަސްމިއްޔާތަށް އޭނާފަދަ ބިލިއަނަރުން ކަމަށް ވާ ޒަކަބާގް އާއި އޭނާގެ އަންހެނުން ޕްރިސިލާ ޗޭން އާއި ބިލްގޭޓްސް އިންޑިއާ އަށް ގޮސްފިއެވެ. އެމީހުންނާއެކު ލަވަކިޔުންތެރިޔާ ރިހާނާވެސް ބައިވެރިވެއެވެ.

ރަސްމީ ކައިވެނީގެ ހަފްލާގެ ކުރިން އޮތް ގާލާގައި މި މީހުން ބައިވެރިވި އިރު އެމީހުންގެ ޝަރަފުގައި ގުރުރާތުގައި ވަނީ ހާއްސަ ހަރަކާތްތަކެއްވެސް ބާއްވާފައެވެ. އެގޮތުން އިންޑިއާގައި މަޝްހޫރު ޗައި ގެ ރަހަ އެމީހުންނަށް ދައްކާލުމާއި އިންޑާގެ މުއްސަނދި ސަގާފަތުގެ ހުނަރުތައް ދައްކާލުން ހިމެނެއެވެ.

ގުޖުރާތުގެ ޖަމްނަގަރުގައި 3 ދުވަހަށް ކުރިއަށް ދާ ގާލާގައި ބޮލީވްޑްގެ މަޝްހޫރު ތަރިން ކަމަށް ވާ ޝަހުރުކްހާން އާއި އަމީތާބު ބައްޗަން, ރަންބީރު ކަޕޫރު, ސަލްމާންހާން, ދީޕިކާ އަދި ރަންވީރު ފަދަ އެތައް ސަތޭކަ ފަންނާނުންނެއް ބައިވެރިވެއެވެ.

އަމްބާނީގެ އާއިލާ، ރަދިކާ އާއި އަނަންތް އާ އެކު

އުމުރުން 28 އަހަރުގެ އަނަންތު ކައިވެނި ކުރަނީ އުމުރުން 29 އަހަރުގެ ރަދިކާ މާޗަންޓް ކިޔާ އަންހެނަކާއެވެ. އޭނާ އަކީ އެންކޯރް ހެލްތުކެއާގެ ބާނީން ކަމަށް ވާ ވިރެން އާއި ޝައިއިލާ މާޗަންޓުގެ ދަރިއެކެވެ. ރަދިކާ އަކީ އެ ކުންފުނީގެ ޑައިރެކްޓަރެކެވެ.

2023 ގައި މި ދެމީހުން އެންގޭޖްވި ފަހުން އެކިއެކި ހަފްލާތައް ބާއްވަމުން އަންނަ އިރު މިހާރު ފެށިފައިވާ ގާލާ އަކީ, ރަސްމީ ކައިވެނި ޖުލައިގައި ކުރުމުގެ ކުރިން ބާއްވާ އެންމެ މުހިންމު އިވެންޓެވެ.

ދުނިޔޭގެ 9 ވަނަ އަށް އެންމެ މުއްސަނދި އަދި އޭޝިއާގެ އެންމެ މުއްސަނދި އަމްބާނީގެ މިލްކިއްޔާތުގައި 83.4 ބިލިއަން ޑޮލަރު ހިމެނެއެވެ.

މި ހާއްސަލަ ގާލާގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއި އަނބިކަނބަލުން ހިލަރީ ކްލިންޓަން އާއި, ސުންދަރު ޕިޗާރީއާއި, އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ އަނބިކަނބަލުން އިވާންކާ ޓްރަމްޕާއި, ބޮބް އީގާ ފަދަ މަޝްހޫރު އެތައް ޝަހުސިއްޔަތެއް ބައިވެރިވެއެވެ. އަދި އިންޑިއާގެ ބައެއް ބިލިއަނަރުން ކަމަށް ވާ ގޯތަމް އަދާނީ އާއި ކުމާރު މަންގަލަމް ބިރްލާ ވެސް ބައިވެރިވާނެއެވެ.

މި ރަސްމިއްޔާތުގައި 100 ޝެފުން 500 ވައްތަރެއްގެ ކާތަކެތި ތައްޔާރު ކުރާނެ ކަމަށާއި އެގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ވަނީ 3 ދުވަހުގެ އެ އިވެންޓުގައި ބައިވެރިވާ ގެސްޓުން ދެފަހަރު އެކައްޗެއް ކާން ނުޖެހޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށްޓަކައި ކަމަށް ހަބަރުތައް ބުނެއެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ރިހާނާ ލަވަކިޔާނެއެވެ.