ތެލެސީމީއާ ބަލި މީހުންނަށް ހާއްސަކޮށްގެން އަޅާ ހޮސްޕިޓަލް އެޅުމަށް 72،000 އަކަ ފޫޓޫގެ ބިން ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ ވަރުގަދަ ކުރުމުގެ ގޮތުން ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ހޮސްޕިޓަލް އެޅުމަށް ވަޒީރުންގެ ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު ވަނީ ހޮސްޕިޓަލް އަޅާނެ ބިން ދީފައި ކަމަށް ހަލީލް ވިދާޅުވިއެވެ. ހަލީލް ވިދާޅުވި ގޮތުގައި އެޗްޑީސީއިން ބިން ދީފައި ވަނީ ހުޅުމާލެ ފޭސް 2އިން ނެވެ. އަދި ހޮސްޕިޓަލް އެޅުމަށް ހަމަޖެހުނު މި 72،000 އަކަފޫޓުގެ ބިމުގައި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ތެލެސީމިއާ ކުދިންގެ ތެރެއިން 5 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާކަން ވެސް ހަލީލް ފާހަގަ ކުރެއްވިއެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދިޔަ ހުރިހާ ކުދިންގެ ހާލު ރަނގަޅު ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއެކު ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފަންޑް އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ތެލެސީމިއާ ރާއްޖެއިން ނައްތާލުމަށް 10 އަހަރުގެ މާސްޓާ ޕްލޭންއެއް ތައްޔާރުކުރަމުންދާ ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެހެން ބައެއް އެހެން ގައުމުތަކުގެ (ހާއްސަކޮށް ނޭޕާލް، ސިޓްރަސް ފަދަ ގައުމުތަކުގެ) ތަޖުރިބާ ހޯދުމަށްޓަކާ އެގައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަލީލް ވިދާޅުވީ ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުން ނުވަތަ މިހާރަށްވުރެ ބޮޑު ތަނުން ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި 10 އަހަރުގެ މާސްޓާ ޕްލޭންގެ ތެރެއިން އެކަމަށްޓަކައި ބައެއް ދިރާސާތައް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.