މާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހަޑިހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހާ އެ އަމަލުތަކަކީ އެ ޕިކަޕްގެ ފަހަތުން ދާ ސައިކަލުތަކުގައި ތިބި މީހުންނަށް ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ދޭހަވެއެވެ.
އެ މީހާ ހަޑިހުތުރު ވައްތަރުތައް ޖެއްސިއިރު އެ ޕިކަޕުގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް އެ މީހާގެ އެ އަމަލު ހުއްޓުވަން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެއެވެ.
އެ މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ އުމުރުގެ އިތުރުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގެ މަގުމަތީގައި އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުން ދާ މައްސަލަ އިތުރުވަމުން އަންނައިރު، މިފަދަ މީހުން ހުއްޓުވުމަށް އެކަށީގެން ވާ ފިޔަވަޅު ނޭޅޭކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.