ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ހާން އާއެކު ފިލްމު "ޑަންގަލް"ގެ ކެރެކްޓާ ބަބީތާ ކުޅުނު ބަތަލާ ސުހާނީ ބަޓްނާގަރު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުމުރުން އެންމެ 19 އަހަރުގެ ސުހާނީ މަރުވީ މަދުން ފެންނަ ބައްޔެއް ކަމަށްވާ ޑަމަޓޮމައިއަސައިޓިސްއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ބަތަލާގެ ބައްޕަ އާ ހަވާލާދީ ބޭރުގެ ނޫސްތައް ބުނާގޮތުގައި ސުހާނީއަށް މި ބަލިޖެހިފައިވާކަން ވެސް އެނގުނީ މީގެ ދެމަހެއްހާ ދުވަސްކުރިން ކަމަށާއި އޭރު ސިއްހީ ހާލަތު އޭނާގެ ވަރަށް ދަށްކަމަށެވެ. ބައްޔަށް ފަރުވާ ހޯދުމުގެ ތެރޭ ހަށިގަނޑު އިންފެކްޓުވެ އޭގެ އަސަރު ފުއްޕާމެއަށް ކުރުމުގެ ސަބަބުން ސުހާނީގެ ބަލިހާލަތު އިތުރަށް ގޯސްވެ ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުންޏެވެ. އަދި ބަތަލާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ބޭރުގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ބަތަލާ މަރުވުމާއެކު އާމިރު ޚާންގެ ފިލްމު ކުންފުނިން ނެރުނު ހާއްސަ ބަޔާނުގައި ބުނީ ސުހާނީ އާ ނުލާ ފިލްމު ފުރިހަމަ ނުވާނެ ކަމަށާއި "ޑަންގަލް"ގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް ނުގެނެސްދެވޭނެ ކަމަށެވެ. އަދި ސުހާނީ އަކީ ވަރަށް ކެތްތެރި ހުނަރުވެރި އެކްޓްރެސްއެއް ކަމަށްވެސް އެ ބަޔާނުގައިވަނީ ބުނެފައެވެ. ބަތަލާ މަރުވުމާއެކު ފިލްމުގެ މުޅި ޓީމުން އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުން އަންނައިރު ބޮލީވުޑްގެ ތަރިންނާ އާންމުންގެ މީހުންވެސް އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.