ރާއްޖޭ އުތުރުގައި މަސްވެރިކަމަށް ނިކުމެ އުޅުނު އދ މަހިބަދޫ އަސުރުމާ 3 ނަމަކަށް ކިޔަ ދޯންޏަކަށް އިންޑިއާ ސިފައިން އަރާ ބަލައިފާސްކުރި މައްސަލައެއް މިއަދު ފެންމަތިވި އިރު އިތުރު 2 ދޯންޏަކަށް އެރިކަމުގެ މައުލޫމާތު ލިބޭ ކަމަށް މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

އެ ޔޫނިއަނުން އެހެން ބުނެ އާންމު ކޮށްފައިވާ އެފްބީ ޕޯސްޓެއްގައި ބުނީ, "މިސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3، ނިރު7 އަދި މާހޯރަ3 މި ތިންދޯންޏަށްވެސް އިންޑއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އެރިކަމަށް މައުލޫމާތުލިބޭ! އަދި ދޯނި ފަހަރަށް ސިފައިން އެރިއިރު އެމީހުން އަތުގައި ހަތިޔާރުހުރި ކަމަށްވެސް މައުލޫމާތު ލިބޭ" ކަމަށެވެ.

މި ވާހަކަ އެޔޫނިއަނުން ހާމަ ކުރީ ކޮން މަސްދަރަކާ ހަވާލާދީ ކަމެއް ސާފު ނުވި ނަމަވެސް އަސުރުމާ 3 އަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އެރިކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރި ވެފައެވެ.

ނަމަވެސް އެކަމުގައި އެމްއެންޑީއެފް އިން އިތުރު މައުލޫމާތެއް ދީފައި ނުވާ އިރު މަސްވެރިންގެ ޔޫނިއަނުން ބުނާ އިތުރު 2 ދޯންޏާ ގުޅޭ ގޮތުންވެސް އެމްއެންޑީއެފް އިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ, "އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި ވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެއް. މިއުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވޭ. މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާވާހަކަ ދަންނަވަން." އެވެ.

އިންޑިއާގެ ސިފައިން އެދޯނިތަކަށް އެރީ ހަތިޔާރާއެކުއެވެ. އެމީހުން ދޯނީގެ ފަޅުވެރިންނާ ސުވާލު ކުރިކަމަށް ވަނީ ދޯނީގައި ސެޓެލައިޓް ފޯން އޮތްތޯއާއި އެމީހުން އެސަރަހައްދުގައި ކުރަނީ ކީއްތޯ ކަމަށް ވެސް ބުނެއެވެ.

ނަމަވެސް އެއިން އެއްވެސް ދޯންޏެއްގައި ހުރި މީހަކަށް ގުޅޭގޮތް ވެފައި ނުވާތީ 'ދަ ޕްރެސް' އަށް އެކަން ޔަގީން ކުރެވިފައެއް ނުވެއެވެ.

އަސުރުމާ ދޯނީގެ ވާހަކަ ފެންމަތިވި ވަގުތު ބައެއް މަސްދަރުތަކުން ބުނެފައި ވަނީ އެ ދޯނި އޮތީ ހއ ތުރާކުނު ބޭރުން 75 މޭލުގައި ކަމަށާއި އީޒޭޑް ކަނޑައަޅާފައި އޮތް ގޮތުން ތުރާކުނުން ފެށިގެން 35 މޭލަށް ވުރެ ބޭރަށް ނިކުމެއްޖެ ނަމަ އިމުން ފުށޫއަރާ ދެވަނަ ގައުމުގެ ސަރަހައްދުގެ ތެރެއަށް ވަންނަ ކަމަށެވެ. ނަމަވެސް އެކަންވެސް ޔަގީން ކުރެވޭ ގޮތް ވެފައި ނުވާ އިރު ފިޝަރީޒް މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ދޯންޏަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ސަރަހައްދުގައި އޮއްވާ ކަމަށެވެ.

މި ދޯނިތަކުގެ ތެރެއިން ނެރު7 ދޯންޏަކީ ނ. އަތޮޅަށް ނިސްބަތްވާ ދޯންޏެކެވެ. އަދި މާހޯރަ3 އަކީ ހއ އިހަވަންދޫގެ ދޯންޏެކެވެ.

މިދޯނިތަކާއި ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސީދާ ސަރަހައްދާ ބެހޭގޮތުން ކޯސްޓްގާޑުން ސާފު މައުލޫމާތު ހާމަ ކޮށްފައި ނުވާތީ ކަން ހިނގާދިޔަގޮތް އަދި މުޅިން ސާފެއް ނުވެއެވެ.

މި މައްސަލައިގައި 'ދަ ޕްރެސް' އިން އިންޑިއާ ހައިކޮމިޝަން އާ ސުވާލު ކުރުމުން އެތާނގެ އޮފިޝަލަކު ވިދާޅުވީ, އެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށާއި މައުލޫމާތު ސާފުކުރެއްވުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށެވެ. ނަމަވެސް މި ހަބަރު ޝާއިއު ކުރުމާ ހަމައަށް އެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.