ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، އާރަށުގައި އޮތް ކަޅުއޮށްފުންމިގެ ނަކަލު ރޭ މާލެ ގެނެސްފިއެވެ.

އާރަށުގައި އޮތް ކަޅުއޮށްފުންމިގެ ނަކަލު މާލެ ގެނެސްފައިވަނީ މުދާ އުފުލާ ބަނޑެއްގައި ރޭ 11:30 ހާއިރުއެވެ. މާލޭ 1 ނަންބަރު ފާލަމަށް މި އުޅަނދު ބަނދަރުކުރުމަށްފަހު، އެއްގަމު އުޅަނދެއްގައި ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދަށް ވަނީ ގެންގޮސްފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ނުވަތަ އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށް ކަމަށެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާއިރު އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ހަފްތާއެއްހައި ދުވަސް ތެރޭ ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކަޅުއޮއްފުންމި އަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.