ރޭ ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރޭ 22:15 ހާއިރު ފުވައްމުލައް ސިޓީ ބޮޑު ފަންނު މަގުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިކަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓްގައި 30 އަހަރުގެ ދިވެހި ފިރިހަނަކަށް އަނިޔާވެފައިވާއިރު އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގައެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގުކުރަމުންނެވެ.

ފުވައްމުލައް ސިޓީއަކީ ނިސްބަތުން މަގުމަތީގެ އެކްސިޑެންޓް ގިނަ ސިޓީއަކަށްވާއިރު، މިދިޔަ އަހަރުގެ ފަހު 3 މަހުވެސް 7 އެކްސިޑެންޓެއް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.