ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް 'ފަހި ފަތުރުވެރިކަމަށް އަންހެނުން' ގެ ނަމުގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގައި ހިމެނޭ ޕްރޮގްރާމު މިއަދު އިފްތިތާހް ކޮށްފިއެވެ.
މިއަދު އިފުތިތާހު ކުރި މި ޕްރޮގްރާމްގެ ބޭނުމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރު ކުރުމަށް އެ ދާއިރާއަށް ނުކުތުމަށް ބާރު އެޅުމެވެ. އެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ޝައުގުވެރިވާ ދާއިރާތައް ދެނެގަނެ އެ ދާއިރާއަކުން ކުރިއަށް ދިއުމަށް މައުލޫމާތުދީ، ފުރުސަތު ހޯދައި ދޭނެއެވެ. އަހަރަކު ދެ ފަހަރަށް އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް އަހުލުވެރި ކުރުވުމާއި، ޓޫރިޒަމް ދާއިރާއަށް ނިކުތުމަށް މަގު ކޮށައިދިނުމާއި، ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުމާއި ފުރަތަމަ މަރުހަލާ [ޓޫރިޒަމް ދާއިރާއަށް އަހުލުވެރި ކުރުވުން] އަލުން ކުރިއަށް ގެންދިއުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ވެފައި ވާއިރު މިއީ އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް ފަހިވެފައިވާ ދާއިރާ ކަމަށެވެ. މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އަންހެނުން މަދު ކަމަށާއި މިއަދު ފެށި ޕްރޮގްރާމުގައި އަންހެނުން އެ ދާއިރާގައި މަސައްކަތް ކުރުމަށް ދުރުރާސްތާގެ ޕްލޭނެއް ހަދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގެ ތެރެއިން، ޓޫރިޒަމްގެ އެކި ދާއިރާތަކާއި ގެސްޓްހައުސް ތަކާއި ހޮޓާތަކާއި ޑައިވިން ފަދަ މަސައްކަތްތަކަށް ތަޖުރިބާކާރުންގެ ތަޖުރިބާ އާއި އެ މީހުން މަސައްކަތް ކުރާ ތަންތަނުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އަމާޒަކީ ޒުވާނުން މިކަމުގެ ބޭނުން ހިފައި އަންހެނުން އެ ޕްރޮގްރާމްގެ ތެރެއިން މި ދާއިރާއަށް ނިކުތުމަށް އެހީތެރިވުން ކަމަށް ފައިސަލް ވިދާޅުވި އެވެ. މީގެ ސަބަބުން އަންހެނުން މި ދާއިރާ އަށް ނުކުތުމަށް އިތުރު ހިތްވަރަކަށް ވެ، ދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ފައިސަލްގެ ވާހަކައިގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޓްރެންޑު ކަނޑައަޅާ ބްރޭންޑު ކަމަށެވެ. ފަތުރުވެރިކަން، ދުނިޔޭގެ ހައި ސްޓްރީޓެއްގައި އަތުރާލާފައި ހުންނަ ނަމަ ޓްރެންޑު ސެޓު ކުރާނީ ރާއްޖެ ކަމަށާއި ލަގްޒަރީ ޓޫރިޒަމްގެ ޓްރެންޑު ސެޓު ކުރާނީ ރާއްޖެ ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފާއިތުވި 50 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ފުޅާވެ ވަރުގަދަ ވެފައިވާ ކަނަށް ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، ރާއްޖޭން ފަތުރުވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ވެސް ރަނގަޅު ވެއްޖެ ކަމަށެވެ.