ހުސްވެފައިވާ މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.

މާލެ ސިޓީގެ މޭޔަރުގެ އިތުރުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމަށް ބައި އިލެކްޝަނެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓަކު ވާދަކުރެއްވިއިރު އާޒިމްގެ އިތުރުން ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) ގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު އަދި އަމިއްލަ ގޮތުން ޝުއައިބް އަލީއެވެ.

މި އިންތިހާބުގައި ޖުމްލަ 162 ވޯޓު ފޮޓެއް ބަހައްޓާފައިވާއިރު މިހާތަނަށް ގުނި 193 ފޮށީގެ ނަތީޖާތައް ދައްކާ ގޮތުގައި އާޒިމް ކުރި ހޯއްދަވާފައިވަނީ 44.81 ޕަސެންޓާއެކުގައެވެ. އެއީ 3،726 ވޯޓު ކަމަށްވާއިރު އާޒިމާ އެންމެ ގާތުގައި ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާއަށް ލިބިވަޑައިގެންފައިވަނީ 2،357 ވޯޓެވެ.ސައިފަށް 1،093 ވޯޓު ލިބިވަޑައިގެންނެވިއިރު ހުސައިން ވަހީދަށް ލިބިވަޑައިގެންފައިވަނީ 895 ވޯޓެވެ. އަދި ޝުއައިބަށް ލިބިވަޑައިގެންފައިވަނީ 52 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު 56،002 މީހަކަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަން ތަފާސް ހިސާބުތަކުން ދަައްކާ ގޮތުގައި 4 ޖެހުމުގެ ނިޔަލަށް ވޯޓުލާފައިވަނީ 26.08 ޕަސެންޓް މީހުން ކަމަށްވާއިރު އެއީ ޖުމްލަ 14،605 މީހެކެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސްވެފައިވަނި މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރިޔާސީ ދައުރު ބަދަލުވިއިރު ރާއްޖޭގެ ރައީސްގެ މަގާމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންފައިވުމާ ގުޅިގެންނެވެ.

އެއަށްފަހު މާލެ ސިޓީ ކައުންސިލްގެ އިތުރުން ތިން ދާއިރާއެއްގައި ތިއްބެވި ކައުންސިލް މެންބަރުން ވަނީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައެވެ.