އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ މިއަދު ކައިވެނިކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރާއްޖެއައިސް ރާއްޖޭގައި ޝޯދިނުމަށްފަހު ދިވެހި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއެކުވެސް ދިވެހި އަދި ހިންދީ ބަސް ހިމެނޭހެން ލަވައެއް ވެސް ކިޔާފައިވާ ސަނަމް ކައިވެނިކުރަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޒިކޮބޭނީ ޓަންގޯއާއެވެ. މި ކައިވެނި ހަފްލާ ކުރިއަށް ގެންދާނީ އިންޑިއާގެ ނަގަލަންދުގައި ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ. މި ކައިވެނި ހަފްލާގައި ސަނަމް އާއި ޒިކޮބޭނީގެ އާއިލާގެ އިތުރުން ގާތް ރަހުމަތްތެރިން ބައިވެރި ވާނެއެވެ. ޕަންޖާބުގެ ސަގާފަތާއި އެއްގޮތަށް މި ކައިވެނި ކުރާއިރު ކައިވެނިކުރުމަށްފަހު ބޮޑު ޕާޓީ އެއް ބާއްވާނެ ކަމަށް ސަނަމް ވަނީ ބުނެފައެވެ. ޒިކޮބޭނީ އަކީ މޮޑެލެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ.

ސަނަމް އަކީ އިންޑިއާގެ މަޝްހޫރު މިއުޒިކް ބޭންޑް، "ސަނަމް" ގެ ލީޑް ވޯކަލިސްޓެވެ. މި ބޭންޑު 2010 ވަނަ އަހަރު އުފެދުނުއިރު މި ބޭންޑަކީ ސަނަމްގެ ބޭބެ ސަމަރް ޕޫރީ، ކޭޝަވް އަދި ވެންކެޓް އެއްވެ އުފެއްދި ބޭންޑެކެވެ. ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަކިޔާފައިވާ ސަނަމް ރާއްޖޭގައި ޝޯތައް ދިނީ 2015 ގަ އެވެ. އެ ފަހަރު ރާއްޖެ އައިސް އައްޑޫ އަށް ގޮސް އައްޑޫގައި ވެސް ސަނަމް ވަނީ ޝޯ ދީފައެވެ. އޭނާ ކިޔާފައިވާ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "މެރެ މެހެބޫބް ގަޔާމަތު"، "ގުލާބީ އާންކޭ" އަދި "ތޭރީ އާކޯސޭ" ހިމެނެއެވެ.