އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް މިއަދު ހެނދުނު ހާޒިރުކޮށްފައިވަނިކޮށް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުވެސް މިއަދު ފޮރިން މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގައިފިއެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 12:00 އަށެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގާފައިވާއިރު ނިއު ދިއްލީގައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު ވަނީ މިއަދު ހެނދުނު 09:00 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންފައެވެ. ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނިކުމެ ވަޑައިގަންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު މި ބައްދަލުވުމާއި ގުޅޭ އެއްވެސް ތަފްސީލެއް ދެ ގައުމުގެ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް 'ބޭއަދަބީ ބަހުން' ވާހަކަދެއްކި މައްސަލަވަނީ ހޫނުވެފައެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންގެ މި އަމަލު ކުށްވެރިކޮށް، އެ ބޭފުޅުން މަގާމުން ދުރުކުރުމަށް ގޮވާލަމުން އަންނައިރު، މި މައްސަލައާއި ގުޅިގެން ތިބް ޑެޕިއުޓީ މިނިސްޓަރުން ވަނީ ސަސްޕެންޑްކޮށްފައެވެ.