އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގައިފިއެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް 'ބޭއަދަބީ ބަހުން' ވާހަކަދެއްކި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅު ދިވެހި ސަފީރު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ނިއު ދިއްލީގައި ހުންނަވާ ސަފީރު، އިބްރާހިމް ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރު ވާން އަންގާފައިވަނީ މިއަދު ހެނދުނު 9:00 އަށެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދިވެހި ސަރުކާރުން ހާމަކޮށްފައި ނުވާއިރު އިންޑިއާގެ ބޮޑުވަޒީރަށް މަލާމަތްކުރި މައްސަލައިގައި އިއްޔެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ކުށްވެރިކޮށްފައިވާއިރު އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ބަޔާނުގައިހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ގޮތެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ފާޑުވިދާޅުވެ ޕޯސްޓުކުރެއްވި ތިން ޑެޕިއުޓީ މިނިސްޓަރަން ސަސްޕެންޑްކޮށްފައެވެ.