ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ފުރަތަމަ ޕްރޮޕޯޒަލް ދިރާސާ ކުރުމުގެ މަސައްކަތް އިންވެސްޓް ބޯޑުން ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ހިއްސާ ކުރެއްވު ޕޯސްޓެއްގައި ބުނީ އެސްއީޒެޑްގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ދިރާސާކުރަން ފަށާފައިވާ ކަމަށާއި އެއީ 110 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖްގެ މަޝްރޫއުއެއް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ. ދާދިފަހުން މި ސަރުކާރުން ވަނީ އެސްއީޒެޑް ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ތަންތަނަށް އެންމެ ކުޑަކޮށް އިންވެސްޓު ކުރެވޭ އަދަދު ދަށްކޮށްފައެވެ.
އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި އެންމެ ކުޑަކޮށް އިންވެސްޓު ކުރެވޭނެ މިންވަރަކީ 150 މިލިއަން ޑޮލަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާރަރަކުން ނިންމާފައިވަނީ ޖެނުއަރީ 31، 2018 ގައެވެ. ނަމަވެސް ހުސްވި ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގަރާރު ބާތިލުކުރައްވާ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިޔަން ޑޮލަރުކަމަށް ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުންވެސް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވާ ތެޔޮ ހޯދުން އަދި އިއާދަކުރަނިވި ހަކަތަ އުނިކޮށް އެ ލިސްޓަށް ވަނީ ކާނާގެ ކަށަވަރުކުރުމިގެ ބައި އިތުރުކުރައްވާފައެވެ.
އަދި ހަމައެހެންމެ އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް އެ ގަރާރުގަި ބަޔާންކޮށްފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވަނީ އެސްއީޒެޑް ގާނޫނުގެ ދަށުން ކަނޑައެޅޭ މުހިއްމު ސަރަހައްދުތަކެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކޮށް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާޅާނެ ކަމަށް ވިދާޅުވެފައެވެ.