ޖަޕާނަށް އައި ބިންހެލުގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފިއެވެ.
ސަރަހައްދީ ސަރުކާރުން ބުދަ ދުވަހު ބުނީ 62 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން 20 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
އިޝިކާވާ ޕްރިފެކްޗާއަށް ހޯމަ ދުވަހު އައި ބިންހެލުމުގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމާއި ތަކުރާރުކޮށް އާފްޓާޝޮކްތައް އައުމަކީ ރިލީފް މަސައްކަތަށް ބުރޫ އަރާނެ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ނޯޓޯ ޕެނިންސިއުލާގެ ކައިރިން ހޯމަ ދުވަހުގެ މެންދުރު ފަހު އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ސުޒޫގެ އުތުރު އައްސޭރިފަށުގައި ހުރި ގެތައް ފުނޑުފުނޑުވެ، ކައިރީގައި ވާޖިމާ ސިޓީގެ ބައެއް ސަރަހައްދުތަކުގައި އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އަދި މަގުތައް ފަޅައިގެން ދިއުމުގެ ސަބަބުން ސަލާމަތީ ބާރުތަކަށް ގޮންޖެހުންތައް ވެސް ވަނީ އިތުރުވެފައެވެ.
ޖަޕާނު ސަރުކާރުން ބުނީ 31،800 އަށް ވުރެ ގިނަ މީހުން ހިޔާތަކުގައި އެބަ ތިބިކަމަށެވެ.
"ކާރިސާއަށް ފަހު 40 ގަޑިއިރަށް ވުރެ ގިނަ އިރު ފާއިތުވެއްޖެ. ސަލާމަތްކުރަން ބޭނުންވާ މީހުންނާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ލިބިފައިވާއިރު، އެހީއަށް އެދި އިންތިޒާރުކުރާ މީހުން ވެސް އެބަތިބި." ޓާސްކް ފޯހުގެ ކުއްލި ބައްދަލުވުމަށް ފަހު ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވިއެވެ.
ލޯކަލް އޮތޯރިޓީތަކާއި ފުލުހުންނާއި އަލިފާން ނިއްވާ ފަރާތްތަކާއި އެހެނިހެން އޮޕަރޭޝަނަލް ޔުނިޓްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސިފައިންނާއި ރެސްކިއު ކުއްތާގެ އަދަދު ދަނީ އިތުރުކުރަމުންނެވެ.
ކިޝިދާ ވިދާޅުވީ ނޯޓޯ ޕެނިންސިއުލާގެ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް އެއްގަމު އުޅަނދުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ދަތިވާތީ ކަނޑު އުޅަނދު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ކިޔޯޑޯ ނިއުސް އެޖެންސީން ބުނީ ޖަޕާނުގެ ސެލްފް ޑިފެންސް ފޯސަސް އިން ވެސް ހެލިކޮޕްޓަރު ބޭނުންކޮށްގެން ބައެއް ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިތުރު ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
90 ޕަސެންޓް ގެ މުޅިން ހަލާކުވެފައި
ސުޒޫގައި މޭޔަރު މަސުހީރޯ އިޒުމިއާ ވިދާޅުވީ ގާތްގަނޑަކަށް އެއްވެސް ގެއެއް ސަލާމަތުން ނެތް ކަމަށެވެ.
"ގާތްގަނޑަކަށް 90 ޕަސެންޓް ގެ މުޅިން ނުވަތަ ގާތްގަނޑަކަށް ހަލާކުވެފައި. ހަގީގަތުގައި ވެސް ހާލަތު ވަރަށް ގޯސް." ބްރޯޑްކާސްޓަރު ޓީބީއެސް އާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
އިޝިކާވާ ޕްރިފެކްޗާގައި ގާތްގަނޑަކަށް 34،000 ގޭބިސީއަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބިންހެލުން 7.5 މެގްނިޓިއުޑްގައި ބެލިއިރު، ޖޭއެމްއޭއިން ވަނީ 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީގެ ބޮޑު އިންޒާރެއް ދީފައެވެ.
ހޯމަ ދުވަހު އައި ބިންހެލުމަކީ ބުދަ ދުވަހުގެ ހެނދުނާ ހަމައަށް އެ ސަރަހައްދަށް އައި 400 އަށް ވުރެ ގިނަ ބިންހެލުމުގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ބިންހެލުން ކަމަށް ޖޭއެމްއޭ އިން ބުނެއެވެ.
ޖަޕާނަށް އަބަދުވެސް ބިންހެލުމުގެ ފުރުސަތު ބޮޑެވެ. ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބިންހެލުމަށް ޖަޕާނުން ތަޖުރިބާކުރެއެވެ.
ކާރިސާތަކަށް ހާއްސަ ޔުނިވާސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރެއް ކަމަށްވާ ޓޮޝިޓަކާ ކަޓާޑާ ވިދާޅުވީ ބިންހެލުމުގެ ހާދިސާތަކަށް މީހުން ތައްޔާރުވެފައިވާ ކަމަށާއި، އިވެކުއޭޝަން ޕްލޭންތައް އެކުލަވާލައި އިމަޖެންސީ ސާމާނު ސްޓޮކްގައި ހުރި ކަމަށެވެ.
"ޖަޕާނު މީހުން ފަދަ ކާރިސާތަކަށް ތައްޔާރަށް ތިބި ބަޔަކު މުޅި ދުނިޔޭގައިވެސް ނުތިބޭނެ ކަމަށް ބެލެވޭ." އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުގެ މިދިޔަ އަހަރުގެ ރިޕޯޓެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ނޯޓޯ ޕެނިންސިއުލާ ސަރަހައްދަށް އަންނަ ބިންހެލުންތައް އިތުރުވަމުން އަންނަ ކަމަށެވެ.
ޖަޕާނުގެ އިރުއުތުރު ސަރަހައްދަށް 2011 ވަނަ އަހަރު ވަރަށް ބާރުގަދަ ބިންހެލުމެއްގެ އަސަރު ވަނީ ކޮށްފައެވެ. ކަނޑުއަޑީގައި 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން ސުނާމީ އަރާ 18،500 މީހުން ވަނީ މަރުވެފައެވެ.