އަންނަ މަހު ބާއްވާ ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ސައިރެކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފު ވާދަކުރައްވަން ނިންމަވައިފިއެވެ.

ޝަރީފު ވާދަކުރައްވަން ނިންމަވާފައިވަނީ އައްޑޫ ހުޅުދޫ ދާއިރާގެ ގޮނޑިއަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަރީފު ވިދާޅުވީ، 30 އަހަރު ވަންދެން މުޅި ރާއްޖެއަށް ހިދުމަތް ކުރައްވާފައިވާ ކަމަށާއި ދެން އޮތީ ހުޅުދޫއަށް ދޭން ބޭނުންވާ ވަގުތު ކަމަށެވެ. ޕީޕީއެމް-ޕީއެންސީގެ ހުޅުދޫ މެންބަރުން އޭނާއަށް ފުރުސަތު ދެއްވައފިނަމަ އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑަށް ހެޔޮ އެދޭ އެންމެންގެ ދުއާ އާއި ތާއީދު ބޭނުންވޭ
ޝަރީފު

ޝަރީފު ވަނީ އިނގިރޭސި ވިލާތުން މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ. މިގޮތުން މާސްޓަރސް އޮފް ސައިންސް އިން އިންޓަނޭޝަނަލް މެނޭޖުމަންޓް އަދި ޕޯސްޓް ގްރެޖުއެޓް ސަރޓްފިކެޓް އިން މެނޭޖްމެންޓް ޝަރީފު ވަނީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެެވެ.

އޭނާ ވަނީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ މަތީތައުލީމާއި ބެހޭ އެންމެ މަތީ މަޖިލީހާއި ސަރުކާރުގެ އެކި ކޮމެޓީތަކުގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު މެމްބަރުކަން ޝަރީފު ވަނީ ކުރެއްވިއެވެ. މީގެ އިތުރުން ސްޓެލްކޯގެ ޗެއާމަންކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޕީޕިއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެެވެ. ޝަރީފު އާއެކު ޕްރައިމަރީގައި ވާދަކުރައްވަނީ އައްޑޫގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އެވެ.