ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެއެވެ.
ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިންނެވެ. އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ.
ފައިލޭރިއާގެ އެންމެ ފަހުގެ ތަފްސީލުތައް ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހުޅުމާލޭގައި އެ ބައްޔަށް 13 މީހަކު ޓެސްޓު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 1 ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެހެންކަމުން މި ބައްޔަށް ރާއްޖެއިން ޖުމްލަ 26 ފަރާތެއް ވަނީ ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. އެޗްޕީއޭއިން ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް 434 ބިދޭސީއިން ސްކްރީން ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމަށް މި ބައްޔަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފައިލޭރިއާ ބައްޔާ ގުޅޭ މައުލޫމާތު ކުޅުދުއްފުށީގައި ދިރިއުޅެމުން ދާ އިންޑިއާގެ ރައްޔިތުންނަށް ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕީޓަލުން ވަނީ މައުލޫމާތު ދިނުމުގެ ސެޝަންއެއް ވެސް ބާއްވާފައެވެ. އެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާ ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުވާނެ ގޮތަށް ހިންދީ އަދި އުރުދޫ ބަހުންނެވެ.
ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ' ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ފެތުރޭ ބައްޔެކެވެ. އަދި މި ފަނި ހަށިގަނޑުގައިވާ ލިމްފް ގޮށްތަކާއި ލިމްފް ދައުރުކުރާ ހޮޅިތަކުގެ ތެރޭގަ ދިރިއުޅެއެވެ.
ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. މި ބައްޔަށް ދެވޭ ފަރުވާއަކީ އެއް ފަހަރު ބޭނުން ކުރާ ދެ ބޭހެކެވެ.