ކްރޫޒްލައިން ތަކުގައި ވަކިވަކި ފަސިންޖަރުން ހޭދަކުރާ [ނައިޓް] ރެއަށް ޖީއެސްޓީ ނެގޭ ގޮތަށް ގަވައިދަށް ގެނެސްފައިވާ އިސްލާހު، އަލުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ކޮންމެ ޗާޓާއަކުން ޓެކްސް ދެއްކުން ފަސޭހަ ނޫންކަމަށާ، ކުރިން ހެދި ގަވައިދާ އެކު ބޮޑެތި ބޯޓުފަހަރުތައް ރާއްޖެ ބޮއިކޮޓް ކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިއަދު މިނިސްޓަރު ފައިސަލް ވަނީ އެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކުރޫޒުލައިންތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވައިދު އިސްލާހު ކުރައްވަމުން ގެންދަވާ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބިގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާސްކުރި އާ ގަވައިދުގައިވާ ގޮތުން، ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހުގެ ރޭޓުން ޖީއެސްޓީ އަށް 16 ޕަސެންޓު ދައްކަން ޖެހޭނެއެވެ.

މި އާ ގަވައިދަށް މި މަހުން ފެށިގެން އަމަލުކުރަން ފަށާފައި ވާއިރު، މާޔާއިން ވަނީ މި ބަދަލާ ގުޅިގެން ކްރޫޒްލައިނާތައް ރާއްޖެ އައުން ހުއްޓިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއަދު 800 ފަސިންޖަރުންނާއެކު ރާއްޖެ އަށް އައުމަށް ތާވަލު ކޮށްފައި އޮތް "ފްރެޑް އޮލްސަން ބޮލެޓް" ބޯޓުގެ ދަތުރު ވެސް އެ ގަވާއިދާ ގުޅިގެން ކެންސަލް ކޮށްފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.