އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މަސައްކަތްތެރިކަމުގެ އެކި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށް ދިނުމަށްޓަކައި ހުނަރު ޕްރޮގްރާމްތައް ހިންގަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޑރ. ޝަފިއު މިހެން ވިދާޅުވީ، އެމްއޭސީއެލްގެ ސީއެސްއާރްގެ ދަށުން ހުރަވީ ސްކޫލްގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރުވެހި" ހުޅުއްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށާއި ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެ ކަމަށެވެ.

މިކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުސަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށްވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކަމާއެކު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުސަތު ސްކޫލްގައި ކިޔަވާ އެންމެ ދަށް ކުއްޖާ އަށް ވެސް އަދި އެންމެ މޮޅު ކުއްޖާ އަށް ވެސް ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބޭނެ.
ޑރ. ޝަފިއު

އެގޮތުން ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ވެސް ކޮންމެވެސް ހުނަރެއް އެނގޭ ކުދިންނަށް ހެދުމަކީ ތައުލީމީ ނިޒާމުގެ މުހިއްމު ސިޔާސަތެއް ކަމަށް ޑރ. ޝަފީއު ފާހަގަކުރެއްވިއެވެ.