މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޑަންކީ" ރިލީޒްކުރުމުގެ ކުރިން ބޯ ހަމަޖައްސާލަން ބަތަލާ ތާޕްސީ ޕަންނޫ ރާއްޖެ އަތުވެއްޖެއެވެ.

ކުޅަދާނަ އެކްޓަރު ޝާހްރުކް ހާން އާއެކު ތާޕްސީ ފެނިގެންދާ މި ފިލްމުގެ ކުރިން ބަތަލާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މާލެ އަތޮޅުގައި އޮންނަ ބޮލިފުށި ރިސޯޓުގެ ހިތްގައިމު މާހައުލުގައި ތާޕްސީ ޗުއްޓީ ހޭދަކުރަމުން އަންނައިރު އޭނާ ވަނީ ޗުއްޓީ ހޭދަކުރާ ގޮތުގެ ވީޑިއޯ އާއި ފޮޓޯ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. ބަތަލާ ތާޕްސީ ބުނީ ރާއްޖެ އަކީ އަބަދުވެސް އޭނާ އަށް އެންމެ ކަމުދާ މަންޒިލްކަމަށާއި އަދި ރާއްޖެއަކީ ފުރަތަމަ ނަޒަރުން ލޯބިވެވުނު ގައުމެއް ކަމަށެވެ. އޭނާގެ ހިތުގައި ރާއްޖެއަށް އަބަދުވެސް ހާއްސަ މަގާމެއް ދެވިފައިވާނެ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ތާޕްސީ އެންމެ ފުރަތަމަ ރާއްޖެއައީ 2020 ވަނަ އަހަރުތެރޭގައެވެ. ކޮވިޑް ދުވަސްވަރު ވެގެންދިޔައީ އިންޑިއާގެ ގިނަ ފަންނާނުންނެއް ރާއްޖެ އައި ދުވަސްވަރަށެވެ. ތާޕްސީ ރާއްޖެ އައީ ޑަންކީގެ އިތުރުން އެހެން ފިލްމެއްގެ މަސައްކަތްވެސް އެއްކޮށް ނިންމާލުމަށްފަހުގައެވެ. އެއީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ "ފިރް އާއީ ހަސީން ދިލްރުބާ" އެވެ.

"ކެރިއަރުގެ ވަރަށް ހާއްސަ ދެ ފިލްމެއްގެ މަސައްކަތް ނިންމާލުމަށްފަހު އަހަރެންގެ އެންމެ ފޭވަރިޓް ޕްލޭސް އަށް މިއައީ. އެއީ ރާއްޖެ. މިއީ ފުރަތަމަ ނަޒަރުން އަހަރެން ލޯބިވި ތަނެއް،"

ބަތަލާ ބޮލީވުޑަށް ނުކުތީ 2013 ވަނަ އަހަރު ޑޭވިޑް ދަވަންގެ ފިލްމަކުންނެވެ.