ބާޒާރުން ފިޔާ ވިއްކާ އަގު ބޮޑު ކުރުމާއެކު ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ބުނެ އަގުބޮޑުކޮށް ފިޔާ ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ، ފިޔާ އަގުބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ބަލައި ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށެވެ. އެ ގޮތުން މޫސުމީ ގޮތުން މި ވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ގައުމުން އަލާފައި ނުވާ ކަަމށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި ރާއްޖޭގައި ތިބި ވިޔަފާރިވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އިމްޕޯތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން އެނގުނު ގޮތުގައި މިދިޔަ މަހުގެ 23 އިން ފެށިގެން މިއަދާ ހަމައަށް ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދު ފިޔާގެ އަގު އުފުލިފައިވާ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މި ވަގުތު ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިއަށް އޮތްތަނުގައި ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމަކަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އާންމުންނަށް ދަތި ނުވާ ގޮތަށް ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް ވިޔަފާރިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން ބާޒާރުން ފިޔާ ވިއްކާ އަގުތައް ބަލާފައިވާ އިރު، ފިޔާ ކިލޯއެއްގެ އަގު 30 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދު އަގުތަކަށް ވަނީ އުފުލިފައެވެ. މީގެ ކުރިން 400 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާގެ އަގުވެސް ވަނީ 550 ރުފިޔާއާއި 700 ރުފިޔާ ދެމެދު އަގަކަށް ބޮޑުވެފައެވެ.