ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކުރިއަށް އޮތް އަހަރުތެރޭ 5 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕަލާންޓްގެ ފަރުވާ ދައުލަތުގެ ހަރަދުގައި ފޯރުކޮށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ، މިއަދު ވަޒީރުންގެ މަޖިލީހުގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދުމާ ގުޅޭ ގޮތުން މައިގަނޑު ތިން ކަމެއް ނިންމާފައިވާ ކަަމަށެވެ. ކުރިއަށް އޮތް އަހަރުތެރޭ 5 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ދައުލަތުގެ ހަރަދުގައި ހެދުމުގެ ފުރުސަތު ދޭން ނިންމާފައިވާ އިރު، ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި މި ހިދުމަތް ހޯދުމަށް އެއް ކުއްޖަކު ފޮނުވަން ނިންމާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ވެސް ބޯންމެރޯ ހެދުމަށް ލިސްޓްގައި ގިނަ ކުދިންތަކެއް އެބަ ތިބި ކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ. އަދި މި ލިސްޓަގައި ތިބި ހުރިހާ ކުދިންނަށް ވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހިލޭ ހެދުމަށް މަގުފަހިކޮށް ދިނުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. އެ ލިސްޓްގައި ތިބި ކުދިންނަށް ފަރުވާ ދިނުމަށް ފަހު ސިސްޓެމެޓިކް ނިޒާމެއްގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ކޮލިފައިވާ ކޮންމެ ކުއްޖަކަށް ވެސް އެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ތެލެސީމިއާ ބައްޔަށް ބޭނުންވާ ފަރުވާ ހޯދުމަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ވެސް ނިންމާފައި ވާ ކަމަށާއި އެ ހޮސްޕިޓަލް ގާއިމް ކުރުމުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތް އެ ހޮސްޕިޓަލް މެދުވެރިކޮށް ދޭ ގޮތަށް ހަމަޖައްސާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެ ހޮސްޕިޓަލް ގާއިމް ކުރާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ހޮސްޕިޓަލުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލެއަށް އަންނަން ޖެހޭ ފަރާތްތަކަށް ހޮސްޕިޓަލް ތެރޭގައި ހުރުން ވެސް ހަމަޖެހޭ ގޮތަށް އެތަން އިމާރާތްކުރަން ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ތެލެސީމިއާ ޓެސްޓުތައް ހެދުން ފުޅާ ކުރުމަށާއި، ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތަކުގައި ބްލަޑް ބޭންކް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ 20 އަހަރުގެ މާސްޓާ ޕްލޭން ގާއިމް ކުރެވިގެންދާ އިރު، ހާއްސަކޮށް ތެލެސީމިއާ ބައްޔަށް ޕްލޭނެއް ގާއިމް ކޮށް ހޭލުންތެރި ކުރުވުމުގެ ނިޒާމް ހިމެނޭހެން އެކިއެކި މަސައްކަތްތައް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ ނިސްބަތުން ތެލެސީމިއާ ފަރާތްތައް ގިނަ ކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރަކު ތެލެސީމިއާ ކުދިންގެ ގޮތުގައި ފެންނަ ކުދިން އިތުރުވަމުންދާ ކަން ވެސް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދުރު މުސަތަގްބަލަށް ބާލައިރު، ތެލެސީމިއާއަށް ހޭލުންތެރި ކުރުވުމާއި، ސްކްރީނިންގެ ޓައިމްލައިން ކުރެވޭނެ ގޮތަކަށް ނިޒާމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން އެކި މުއައްސަސާތަކާއި ސްކޫލްތަކުގައި ވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ސްކޫލް ނިމުމުގެ ކުރިން މީގެ ކުރިން ވެސް ކުރިއަށް ގެންދިޔަ ގްރޭޑް 10ގެ ދަރިވަރުން ތެލެސީމިއާ ޓެސްޓް ހެދުމުގެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާ ގޮތެއްގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.