ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަމިޓު މިމަހުގެ 7 ވަނަ ދުވަހު ބެއިޖިންގައި ބާއްވާފައި ވާއިރު، މި ސަމިޓުގައި، ވިޔަފާރީގެ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދޭނެތޯ ނުވަތަ އެ ކަންކަން ދާނީ އިތުރަށް ހޫނުވެގެން ކަމާމެދު ލީޑަރުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައި އޮތެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސަމިޓަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އީޔޫ-ޗައިގެ ފުރަތަމަ ސަމިޓަށް ވާއިރު، މިދިޔަ އަހަރުގެ ކުރީކޮޅު އީޔޫގެ ޑިޕްލޮމެޓް ޖޯސެފް ބޮރެލް މި ސަމިޓު ސިފަކުރެއްވީ "ބީރު މީހުންގެ މަޝްވަރާ" އެއްގެ ގޮތުގައެވެ.
މި ސަމިޓަށް ބެލްޖިއަމްގެ އޮފިޝަލުންވެސް ދިޔައީ އެގައުމުގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިޔާއާ އެކު ގުޅުން ބަދަހިކުރުމަށްޓަކައި ހައްލު ހޯދަން ޖެހޭ ކަމަށް އެ ގައުމުގެ ލީޑަރުން ވިދާޅުވާ އިގްތިސާދީ މުހިންމު ޝަކުވާތަކުގެ ލިސްޓަކާ އެކުއެވެ. އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ބެއިޖިން އިން ދަނީ ވިޔަފާރީގެ މައި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޑިއާއޯޔޫޓައި ސްޓޭޓް ގެސްޓްހައުސްގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ ޗައިނާ-އީޔޫގެ ގުޅުމުގެ އާ ފެށުމެއްގައި ކޮޅަށް ތެދުވެ، ތާރީހީ ތަޖުރިބާތައް ކުރުކޮށްލަން ޖެހޭކަމަށެވެ. އަދި ވިސްނުންތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށާއި، ސްޓްރެޓެޖިކް [އިސްތިރާޖީ] ޕާޓްނާޝިޕްގެ ރަނގަޅު މަގާމެއްގައި ދެމިތިބުމަށް ވަނީ ލީޑަރުންނަށް ގޮވާލާފައެވެ.
އަދި ދެ ފަރާތުން ވެސް ސިޔާސީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރު އިތުރުކޮށް، ސްޓްރެޓެޖިކް އިއްތިފާގެއް އުފައްދައި، ހުރިހާ ބާވަތެއްގެ ނުފޫޒެއް ނައްތާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާ-އީޔޫގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވައި، ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ހަފްތާގެ ކުރީކޮޅު ދެއްކެވި ވާހަކަތަކަށް ޗައިނާގެ ރައީސް އިޝާރާތް ކުރެއްވިއެވެ.
މި ސަމިޓާ ގުޅޭގޮތުން ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވާސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ އެސޯސިއޭޓް ޕްރޮފެސަރު ލީ މިންގްޖިއާންގް ވިދާޅުވީ ޗައިނާގެ ލީޑަރުން އެންމެ އިސްކަމެއް ދެއްވަނީ އެތެރޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ކަމަށާއި އީޔޫއަކީ އަގުހުރި ދައުރެއް އަދާކުރާ ގައުމެއް ކަމަށް ބެއިޖިން އިން ދެކޭ ކަމަށެވެ.
އަދި ޔޫރަޕްގެ ގައުމުތަކާ އެކު ގުޅުން އިތުރަށް ބަދަހި ކުރުމަށް ޗައިނާއަށް މިވަގުތު ވަރުގަދަ ހިތްވަރެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، އިގްތިސާދީ ގުޅުންތަކުން ފެށިގެން، ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ދެގައުމުގެ ދެމެދުގައި އޮތް ތަފާތު ކަންކަމަށް ބަލާއިރު، ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ އުންމީދު ކުޑައެވެ.
ހުށަހެޅިފައިވާ ކަންތައްތައް
މި ބައްދަލުވުން ބާއްވާފައި މިވަނީ ޔޫރަޕުން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތު ފުޅާ ދާއިރާއެއްގައި ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ޔޫރަޕްގެ ސަޕްލައި ޗެއިންތަކުގެ ގެއްލުން ކުޑަކޮށް، މުހިންމު ޓެކްނޮލޮޖީތައް ރައްކާތެރިކުރުމަށް މި އަހަރުގެ ކުރީކޮޅު އެ ބްލޮކުން ބާރު އަޅަން ފެށީ ބެއިޖިންގެ ބައިނަލްއަގުވާމީ އުންމީދުތަކާއި އިގްތިސާދީ އާދަތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލެޔެން އާއި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް އަދި އީޔޫގެ އިސް ޑިޕްލޮމެޓް ޖޯސެފް ބޮރެލް ވަނީ އިގްތިސާދީ ކަންބޮޑުވުންތަކުގެ ލިސްޓަކާއެކު ޝީ އާއި ޕްރިމިއާ ލީ ކިއާންގްއަށް ޕްރެޝަރު ކުރަން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
"ޗައިނާއަކީ އީޔޫގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިޔާ. އެހެންނަމަވެސް، އަހަރެމެން ހައްލުކުރަން ޖެހޭ ވަރަށް ސާފު އިމްބެލެންސްތަކާއި ތަފާތުތައް އެބަހުރި. އިގްތިސާދުގެ ގެއްލުން ކުޑަކުރުމާއި ހަރުދަނާ ކުރުމުގެ މުހިންމުކަން އަހަރެމެން ދެފަރާތުންވެސް ދެނެގަންނަން ޖެހޭ." ބުރާސްފަތި ދުވަހު ބައްދަލުވުން ފެށުމަށް ފަހު ވޮން ޑަ ލެޔެން ޝީއަށް ވިދާޅުވިއެވެ.
ސަމިޓުގެ ކުރީކޮޅު، ޔޫރަޕްގެ ލީޑަރުން ވަނީ އެބޭފުޅުންގެ ހަރުދަނާ ކަންކަމާ ބެހޭގޮތުން ވަރަށް ސާފުކޮށް ވާހަކަ ދައްކަވައި، ކުރިއެރުން ނުލިބިއްޖެނަމަ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
އެ މައްސަލަތަކުގެ ތެރޭގައި އީޔޫ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކުޑަވުން ހިމެނޭ އިރު، ބްރަސެލްސް އިން ތުހުމަތު ކުރަނީ ޗައިނާގެ ކުންފުނިތަކަށް ބެއިޖިން އިން ދޭ ސަބްސިޑީއާއި ޗައިނާގެ މާކެޓަށް ވަނުމަށް ހުރި ހުރަސްތަކަށެވެ.
އީޔޫގެ ސަފީރުންނަށް މިދިޔަ މަހު ދެއްވި ތަގުރީރުގައި ބޮރެލް ވަނީ ޗައިނާއިން މި އިމްބެލެންސްގެ ހަގީގަތާއި ނަތީޖާ އަށް އިންކާރު ކުރާނަމަ، އިތުރު ހިމާޔަތަށް ޔޫރަޕުގައި ޑިމާންޑް ބޮޑުވުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެ ބްލޮކުން ވަނީ އިލެކްޓްރިކް އުޅަނދުތައް އުފައްދާ ފަރާތްތަކަށް ޗައިނާއިން ދައުލަތުގެ އެހީތެރިކަން ދޭ މައްސަލަ ބަލަން ފަށާނެކަން އިއުލާން ކޮށްފައެވެ.
ޗައިނާގެ އިލެކްޓްރިކް ވެހިކަލް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން ދަނީ ޓެކްނޮލޮޖީގެ އުފެއްދުންތަކާއި މިނިވަން ވާދަވެރިކަމާއި ފުރިހަމަ އިންޑަސްޓްރިއަލް ސަޕްލައި ޗެއިނެއްގެ ސަބަބުން ކަމަށް ބުނެ ޗައިނާއިން ވަނީ މިއީ "ޕްރޮޓެކްޓިވް ޕްރެކްޓިސް" އެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ދައުލަތުގެ މީޑިއާއިން ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ކޮމެންޓުތަކުގައި ޝީ ވަނީ މި ސިޔާސަތަށް އިޝާރާތް ކުރައްވައި، އެކަކު އަނެކަކު ދެމެދުގައި ހިޔާލުތަފާތުވުންތައް އޮތް ނަމަވެސް ވާދަވެރިންގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ބުރާސްފަތި ދުވަހު ބެއިޖިންއިން ވަރަށް ގާތުން ބަލަމުންދާ ސަމިޓްގެ ކުރިން ތަޖުރިބާކާރުން ބުނަނީ ޔޫރަޕްގެ އިންވެސްޓްމަންޓް ތަކަށް މާކެޓް އިތުރަށް ހުޅުވާލުމަށް ނުވަތަ ވިޔަފާރީގެ ޑެފިސިޓަށް ހައްލެއް ގެނައުމަށް ބެއިޖިން އިން ބައެއް އިޝާރާތްތައް ކުރަން ތައްޔާރަށް ހުންނާނެ ކަމަށާއި ނަމަވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޔޫރަޕުގައި އުއްމީދުތައް ކުޑަ ކަމަށެވެ.
"ޔޫރަޕްގެ މީހުންނަށް އިހުސާސް ކުރެވުނީ ކޮންކްރީޓް ނަތީޖާ ލިމިޓްވާނެކަން. ޔޫރަޕްގެ އޮފިޝަލުންނާއި ކޯޕަރޭޓް މީހުންނަށް ހީވަނީ ޗައިނާގެ "އޯޕަން ޑޯ" ސިޔާސަތު މިހާރު ނެތް ކަމަށް" އޭޝިއާ ސޮސައިޓީ ޕޮލިސީ އިންސްޓިޓިއުޓްގެ ޕެރިހަށް ނިސްބަތްވާ ސީނިއާ ފެލޯ ފިލިޕޭ ލެ ކޯރޭ ވިދާޅުވިއެވެ.
"ވޮން ޑަ ލެޔެން އާއި މިޝޭލް އަކީ މުއާސަލާތީ ލައިންތައް ދެމެހެއްޓުމަށް ޝައުގުވެރިވާ ދެ ކުޅުންތެރިން." ލެ ކޯރޭ ބުންޏެވެ.
"ހާއްސަކޮށް 2024 ވަނަ އަހަރުގެ އެމެރިކާގެ އިންތިހާބުގެ ނަތީޖާއާ އެކު އަނެއްކާވެސް ޓްރަމްޕްގެ އާ ސަރުކާރެއް އީޔޫއާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ސިޔާސަތެއް ގެންގުޅެން ޖެހުނީމަ ވާނީ ކިހިނެތްތޯ؟ އޭނާ ނޭޓޯއާ ވަކިވާން ޖެހިއްޖެނަމަ ވާނީ ކިހިނެއްތޯ؟" އޭނާ ވިދާޅުވިއެވެ.
"ބިނާކުރަނިވި ގުޅުމެއް"
ޝީގެ މި ބައްދަލުވުން ބާއްވާފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ވަރަށް ބޮޑަށް ރަހުމަތްތެރި ސަމިޓެއް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޔުނިވާސިޓީ އޮފް ލަންޑަންގެ އެސްއޯއޭއެސް ޗައިނާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ސްޓީވް ސަންގް ވިދާޅުވި ގޮތުގައި ޔޫރަޕާ އެކު ގުޅުން ބަދަހި ކުރުމަކީ ޝީއަށް "އެއަށްވުރެ ވެސް މުހިންމު" ކަމަކަށް ވެދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާ ވާދަވެރިކަން އުފެދިފައި ވަނިކޮށް، އީޔޫ ވޮޝިންޓަނާ އެއްކޮޅަށް ނުގެންދިއުމަށް ބެއިޖިން އިން ޝައުގުވެރިވެއެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ އޮފިޝަލުން ވަނީ ޔޫރަޕާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަށް ޑިޕްލޮމެޓިކް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ނަމަވެސް ބަދަލުގައި ބޮޑު އެއްޗެއް ނުލިބޭހާ ހިނދަކު އީޔޫއަށް ބޮޑެތި ލުއިތަކެއް ޝީ ނުދެއްވާނެ ކަމަށް ސަންގް ވިދާޅުވިއެވެ.
ފަރަންސޭސިވިލާތާއި ޖަރުމަނުގެ އިތުރުން ޔޫރަޕްގެ މަދު ގައުމަކުން ޕާސްޕޯޓް ހޯލްޑަރުންނަށް ވިސާ އާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދީގެން ބެއިޖިން އިން މި މަހު ވަނީ ހެޔޮ އެދުމުގެ އިޝާރާތެއް ކޮށްފައެވެ. އަދި ބުރާސްފަތި ދުވަހު ޝީއާ ހަވާލާދީ ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފައި ވަނީ ޗައިނާއިން އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އީޔޫއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ބަލައިގަންނަން ތައްޔާރަށް އޮތް ކަމަށެވެ.
ހޮންގްކޮންގްގެ މިނިވަންކަމަށް ބެއިޖިންއިން އަރައިގަތުމާއި، ޝިންޖިއާންގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމާ މެދު ޗައިނާއިން އަމަލުކުރި ގޮތުގެ ސަބަބުން، ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތުން ކުށްވެރިކުރަން ޗައިނާއިން ދެކޮޅު ހެދުމުގެ މާކުރިން ވެސް ވަނީ ގުޅުން ހީނަރުވެފައެވެ.
އެމެރިކާއާ ހިލާފަށް ޔޫރަޕުން މިހާތަނަށް ވަނީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރެވޭނެ މުދާ ފޯރުކޮށްދޭ ކަމަށް ބެލެވޭ ޗައިނާގެ ކުންފުނިތައް ބްލެކްލިސްޓް ކުރުމުން ދުރުހެލިވެފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1200 މީހުން މަރުވެ، އުފެދުނު ހަމަނުޖެހުންތަކުގައި ބެއިޖިން އިން ހަމާސް ކުށްވެރިކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެންމެ ބޮޑަށް ފާޑުކިޔަނީ އިޒްރޭލުން އެންކްލޭވްއަށް ދިން ހަމަލާތަކުގައި 15،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ހިންގާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާތީއެވެ.
ބައްދަލުވުން ފެށުމާއެކު ޝީ އާއި އެހެނިހެން ލީޑަރުންނާ ވާހަކަ ދައްކަވަމުން ވޮން ޑަ ލެޔެން ވަނީ ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ހިންގަމުންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށާއި މެދުއިރުމަތީގައި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.
"ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ހައިސިއްޔަތުން ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާގެ ބައިނަލްއަގުވާމީ މަސްއޫލިއްޔަތުތައް އެބަހުރި. ސުލްހަމަސަލަސްކަމާއި އަމާންކަމަށް އަޅުގަނޑުމެންގެ މަސްލަހަތު އެބައޮތް." އީޔޫގެ ޗީފް ވިދާޅުވިއެވެ.