ޕާކިސްތާންގެ ކުރީގެ ބޮދުވަޒީރު އިމްރާން ހާންގެ މައްޗަށް ދައުވާތަކެއް އުފުލައި ޝަރީއަތް ކުރިއަށް ދާއިރު ކުރިއަށް އޮތް އާންމު އިންތިހާބުގައި އޭނާއަށް ބައިވެރިވެވަޑައިނުގެންނެވޭ ކަމަށް ބަލައި އޭނާގެ ޕާޓީއަށް އާ ޗެއާމަނަކު ހަމަޖައްސައިފިއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 8 އަށް އިންތިހާބު ތާވަލް ކޮށްފައި ވާ އިރު އިމްރާން ގެ ޕާޓީ، ޕާކިސްތާން ތާރީހޭ އިންސާފު (ޕީޓީއައި) ތަމްސީލު ކުރައްވާނީ އާ ޗެއާމަން ގޯހަރު އަލީ ހާން އެވެ.
ޕީޓީއައި އިން އާ ޗެއާމަނަކު މި އިންތިހާބު ކުރީ، އެތެރޭގެ އިންތިހާބު ބާއްވާ ލީޑާޝިޕަށް ވެރިން އައްޔަން ނުކުރާނަމަ ކުރިއަށް އޮތް އިންތިހާބު ގެއްލިދާނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އިންޒާރު ކުރުމާ ގުޅިގެންނެވެ.
އާ ޗެއާމަން ވިދާޅުވީ، އޭނާ ދެމިހުންނަވާނީ އިމްރާނަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ކަމަށާއި އިމްރާންގެ މައްޗަށް އުފުލާފައި ވާ ދައުވާތައް ބާތިލްވުމުން ނުވަތަ މިނިވަންވުމުން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ޕީޓީއައި ގެ ބައެއް މެންބަރުންނާއި އިމްރާންގެ ބައެއް ލޯޔަރުން ބުނެފައިވަނީ ގޯހަރަކީ 'އިމްރާނަށް ބޭބީސިޓް ކޮށްދޭން' އިންތިހާބު ކުރި ބޭފުޅެއް ކަމަށެވެ. މާނަ އަކީ އިމްރާން ނެތް ހާލުގައި ޕާޓީ ތަމްސީލު ކުރައްވަން ލެއްވި ރަމްޒީ ބޭފުޅެއް ކަމަށެވެ.
ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އެގައުމުގެ މަޖިލީހަށް ވައްދާ އިމްރާން ބޭރު ކޮށްލީ އެޕްރީލް 2022 ގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް 105 ދައުވާއެއް އުފުލަން ތައްޔާރު ކޮށްފައި ވާ އިރު، މިހާރު ކުރިއަށް ދަނީ ދައުލަތުގެ ސިއްރުތައް ލީކް ކުރެއްވި ކަމުގެ ކުށުގެ ދައުވާއެކެވެ. އެ ދައުވާ ގުޅިގެން އޭނާ ހައްޔަރު ކޮށް ޖަލަސް ލާފައި ވާ އިރު ޝަރީއަތްވެސް ހިންގަނީ ޖަލުގައެވެ.
އިތުރު ދައުވާތަކުގެ ތެރޭގައި 2018 އިން 2022 އާ ދެމެދު އޭނާ މަގާމުގައި ހުންނެވި އިރު ދައުލަތުގެ މުދަލާއި އެކިއެކި ފަރާތްތަކުން ލިބިފައިވާ ހުރި ހަދިޔާ އޭނާ ވިއްކެވިކަމުގެ ކުށުގެ ދައުވާވެސް އުފުލާފައި ވެއެވެ.
އިމްރާންގެ އިތުރުން ޕީޓީއައި ގެ ވައިސް ޗެއާމަނަށް ވެސް ދައުވާ ކުރެއެވެ.
ޕާކިސްތާނަކީ އަސްކަރީ ބާރު ވަރުގަދަ ގައުމަކަށް ވާއިރު، އަސްކަރިއްޔާގެ ތާއީދު ނެތް މީހަކަށް ވެރިކަމުގައި ދެމިހުންނެވުމަކީ ނާދިރު ކަމެކެވެ. އިމްރާނަށް މަގާމު ގެއއްލެން ދިމާވީވެސް އަސްކްރިއްޔާގެ ތާއީދު ގެއްލުމުންނެވެ.
އަންނަ އަހަރު އާންމު އިންތިހާބަށް ޕާކިސްތާން ތައްޔާރުވަމުން ދާ އިރު، ޕީޓީއައި އާ ވާދަ ކުރާނީ މިހާރު ވެރިކަން ކުރާ ޕާޓީގެ ފަރާތުން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފެވެ.