ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން އެމްޓީސީސީ ކުރީގެ ސީއީއޯ އާދަމް އާޒިމް ނިންމަވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު ހުސްވެފައިވާ މި ސަރުކާރުގެ މަގާމުތަކަށް އެ ކައުންސިލްގެ ތިން މެންބަރުން އައްޔަންކުރެއްވުމާ ގުޅިގެން އެ މަގާމުތައްވެސް ވަނީ ހުސްވެފައެވެ.
އޭގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރަކަށް ހުންނެވި ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރު (އަބުޅޯ) ވަނީ މި ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައެވެ.
އާޒިމްގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވަން އެ ޕާޓީން އިން ޕްރައިމަރީއެއް ބާއްވަން ޖެހޭނެއެވެ.
އާޒިމް އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު އާޒިމްއަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތައް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމަވާފައިވާއިރު އެ މަގާމަށް ކުރީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވާދަކުރައްވަން ނިންމަވާފައިވާއިރު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވާދަކުރައްވައެވެ.