ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފް ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، އެމްޓީސީސީގެ ބަހުގެ ހިދުމަތާއި ހައި ސްޕީޑް ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފު ކުރި އެޕްލިކޭޝަނެއް ކަަމަށެވެ. ވޮލެޓުގެ ޓޮޕް-އަޕް ނުވަތަ ފައިސާ ޖަމާކުރާ ފީޗާ ބޭނުންކުރެވޭނީ އާރުޓީއެލް އެޕްލިކޭޝަންގައި އީމެއިލް އާއި ފޯން ނަންބަރު ވެރިފައިކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރުޓީއެލް ވޮލެޓު ބޭނުންކުރާނެ ގޮތް:

  • ޓިކެޓް ނެގުމަށް މި ވޮލެޓަށް ޓޮޕްއަޕްކޮށްފައި ހުންނަ ފައިސާ ބޭނުން ކުރެވޭނެ.
  • މި ވޮލެޓް ބޭނުންކޮށްގެން "ސްކޭން އެންޑް ރައިޑް" ފީޗާ ބޭނުން ކުރެވޭނެ
  • އާރުޓީއެލް ވޮލެޓް އެކްޓިވޭޓް ކުރުމަށް އީމެއިލް އެޑްރެހާއި ފޯން ނަންބަރު ވެރިފައި ކުރަން ޖެހޭނެ.
  • އެއަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ.

އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓު ތައާރަފުކޮށްފައިވާއިރު މާލެ ސަރަހައްދުގެ އާއްމު ދަތުރުފަތުރުގެ ހިދުމަތުގެ ޓިކެޓިން ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ވަނީ ބަދަލުކޮށްފައެވެ.

އެމްޓީސީސީ އިން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން ބޭނުން ވަނީ އެކަށީގެންވާ އަގުގައި ލުއިފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.