އެފްރިކާ ބައްރުގެ ގައުމެއް ކަމަށް ވާ ސިއެރަލިއޯންގެ މެދުތެރޭގައި ހުންނަ ޖަލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ބަޑިޖަހާ ބިރުކަމެއް އުފެއްދުމަށް ފަހު ޖަލުގައި ތިބި ކުށްވެރިން ދޫކޮށްލައިފިއެވެ.

މިހާދިސާ އާ ގުޅިގެން ސިއެރެލިއޯންގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން މިހާރު ވަނި ކާފިއު ހިންގާފައެވެ.

ވެރިރަށް ފްރީޓައުންގެ ސެންތްރަލް ޕަޑޭމާ ރޯޑުގެ ޖަަލަށް ހަތިޔާރާއެކު ވަން މީހުން ޖަލުގެ ބޭރުގައި ތިބި ޖަލަށް ހަމަލާ ދީފައި ވާ އިރު، އޮފިޝަލުންނަށް ދިފާއުގައި މާބޮޑު ރައްދެއް ނުދެވުމެވެ. އެމީހުން ދެން ޖަލުތެރެއަށް ވަދެ ހުރިހާ ގައުދީން ނެރެ ދޫކޮށްލުމާއެކު ރަށުތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ހަބަރުތައް ބުނާގޮތުން ހަތިޔާރު އަޅައިގެން ހުރި މީހަކު މީގެ ކުރިން ވަނީ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާ ދީފައެވެ. އެ މަރުކަޒަކީ އެގައުމުގެ ރައީސްގެ ގަނޑުވަރާ ކައިރީގައި ހުންނަ ތަނެއް ކަމަށް ވެސް ބުނެއެވެ.

ރައީސް ޖޫލިއަސް މާޑީ ބިއޯ އާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ކާފިއު އާއެކު މިހާރު ކުރިއަށް ދަނީ ހަރިޔާރު އެޅި މީހުން ހޯދުމުގެ މަސައްކަތެވެ. އަދި ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ނަމަވެސް ބީބީސީގެ ރިޕޯޓަރުން ބުނެފައި ވަނީ، އަދިވެސް ރަށުތެރެ އަމާން ނުވާ ކަމަށާއި ބައެއް މީހުން އަސްކަރީ ވެހިކަލްތަކުގައި ހަތިޔާރާއެކު ދަތުރު ކުރަމުން 'އަހަރެމެން މިދަނީ ސިއެރަލިއޯން ސާފުކުރަން' ކަމަށް ގޮވަމުން ދާ ކަމަށެވެ.

ޖޫލިއަސް އަކީ އެގައުމުގައި މާބޮޑު ތާއީދެއް އޮތް މީހަކަށް ނުވާ އިރު، ޖޫންގައި ބޭއްވި އިންތިހާބު އޭނާ އަށް ކާމިޔާބި ވީ ވަރަށް ހަނި ފުރުސަތަކުންނެވެ. އެއާއެކު އޭނާވަނީ އަސްކަރީ ބަޔަކު ބަޣާވާތެއް ގެންނަން މަސައްކަތް ކުރިކަމަށް ތުހުމަތު ކޮށް ގިނަބަޔަކު ހައްޔަރު ކޮށް ޖަލަށް ލައިފައެވެ.

އެފްރިކާގެ ގިނަ ގައުމުތަކުގައި މިފަހުން އަސްކަރީ ބަޣާވާތްތައް ގެނެސްފައިވާ އިރު ޖެހިގެން އޮންނަ ގިނީ އަކީވެސް އެފަދަ ބަޣާވާތެއް ގެނެސް ވެރިކަން ވައްޓާލާފައި ވާ ގައުމެކެވެ.