ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާތީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އެ މައްސަލަ ބެލުމަށް ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވައިލެއްވި މައްސަލައިގައި އެ ޕާޓީގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާތީ މަލީހު އާއި މެދު ފިޔަވަޅު އެޅިކަން އަންގާ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަކި ކޮމިޓީތަކެއް ނުހެދޭނެ ކަމަށެވެ. އަދި އެކަމުގައި ލީޑާޝިޕުން ފިޔަވަޅު އަޅާނެކަމަށް ޝީޔާމު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޕާޓީގެ ސެންޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައިވާ ގޮތަށް މަލީހު އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދާ ކަން ޕީޕީއެމްގެ ލީޑާޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެެވެ. މި ގޮތުން ޕަޓީގެ ލީޑާޝިޕަށް އަދި ސެނެޓަށް އެންގުމެއް އަދި މަޝްވަރާކުރުމެއް ނެތި އަމިއްށް ކޮމިޓީއެއް އުފައްދާ ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާ އެ ޕްރެސް ކޮންފަރެންސް ލީޑުކޮށް ޕާޓީގެ އަސާސުތަކާ މަލީހު ހިލާފުވެފައިވާ ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޕާޓީގެ އަސާސީ ގަވައިދުގެ 8 ވަނަ މާއްދާގެ ދަށުން ޕާޓީގެ ލީޑާޝިޕަށް ލިބިގެންވާ ބާރުގެ ދަށުން މަލީހު އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށާ ޕާޓީގެ ސުލޫކީ ކޮމިޓީއިން ގޮތެއް ނިންމަން ދެން އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް މަލީހަށް ވަނީ އަންގާފައެވެ.