ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ބަންދު ކުރެވޭ މުއްދަތު 2 އަހަރަށް އިތުރު ކޮށްފިއެވެ.
ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގައިވާ ގޮތުން ރީޑިވެލޮޕްމެންޓަށް ތަނެއް ބަންދު ކުރެވޭނީ 18 މަސް ދުވަހަށެވެ. ނަމަވެސް މި ގަވާއިދަށް ގެނެވުނު އިސްލާހާއެކު ރީޑިވެލޮޕްމެންޓްއަަށް ތަންތަން ބަންދު ކުރެވޭނީ ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ގަވާއިދަށް އަމަލު ކުރަންފަށާއިރު، ރީޑިވެލޮޕްމެންޓްއަށް ބަންދުކޮށްފައިވާ ތަންތަން، ރީޑިވެލޮޕްމެންޓް ކުރަން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެކަމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، 1 އަހަރު ދުވަހުގެ މުއްދަތެއް، އެ ތަންތަން ރީޑިވެލޮޕްކުރަން ދިނުމުގެ ހައްގު އެ މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި ގަވާއިދުގެ ދަށުން ރީޑިވެލޮޕްމެންޓްއަށް 2 އަހަރުގެ މުއްދަތެއް ދިނުމަށްފަހު މަސައްކަތް ނުނިމޭ ހާލަތުގައި (އެ ތަނެއްގެ ވާކްޕްލޭނުގައި ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތުގެ 70 ޕަސެންޓު މަސައްކަތް ނިމިފައިވާނަމަ) އިތުރު 1 އަހަރުގެ މުއްދަތެއް ދިނުމުގެ ހައްގު ވެސް ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެއެވެ.
މީގެއިތުރުން ރީޑިވެލޮޕްމެންޓްއަށްދޭ 2 އަހަރުގެ މުއްދަތު ހަމަވާއިރު، އެ ތަން ހިންގަން ފަށާފައިނުވާނަމަ، މުއްދަތު އިތުރު ކުރުމުގެ ކުރިން އެ ތަން ބަލައި ފާސްކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ. އަދި މަސައްކަތް ނިމިފައިވާގޮތް ބަޔާންކޮށްދޭ ރިޕޯޓެއް، ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސާވޭޔަރެއްގެ ނުވަތަ އިންޖިނިއަރެއްގެ ސާޓިފިކޭޝަންއާއެކު ހުށަހަޅާފައިވާންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
އެ ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައި ވަނީ ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން، ތަނަކާ ގުޅުން ހުރި ހައްގުތައް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި އެ ތަނެއްގެ ކޮންސްޓްރަކްޝަން ޕީރިޑްއަށް އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާ ތާރީހަކީ، އެ ތަނަކާ ގުޅުން ހުރި ހައްގުތައް ބަދަލުކޮށްފައިވާ ތާރީހު ކަމަށެވެ.