އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން، 24,000 ކިއު ބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި ބަނދަރު ފުންކުރުމާއި، 430 މީޓަރުގެ ސަރަހައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 280 މީޓަރުގެ ސަރަޙައްދެއްގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، 7,171 ކިއު ިބކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުއަކީ 21.14 މިލިއަން ރުފިޔާއަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ، މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ސަބަބުން ކުނބުރުދޫގެ ގޮނޑުދޮށް ރަށް ގިރުމުން ހިމާޔަތްކޮށްފައިވާ ކަމަށެވެ. މިއީ ކުނބުރުދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫއުއެއް ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.