އަންނަ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައި ވާ އާންމު އިންތިހާބު މިހާރު ހުންނެވި ބޮޑުވަޒީރު ޝައިހު ހަސީނާގެ ވެރިކަމުގައި މިނިވަން ނުވާނެ ކަމަށާއި އޭނާގެ އިސްތިއުފާ އަށް ގޮވާ އިދިކޮޅުން ފެށި އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ ޖަލަށް ހުކުމް ކޮށްފައި ވުމުން އިދިކޮޅު ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ހިންގަވަމުން ގެންދަވަނީ މިރްޒާ ފްހުރުލް އިސްލާމް އަލަމްގިރިއެވެ.

އިދިކޮޅުން އިހުތިޖާޖަށް ނިކުމެ ޑިމާންޑް ކުރަމުން ގެންދިޔައީ ޝައިހު ހަސީނާ އިސްތިއުފާ ދެއްވާ، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަގުތީ ސަރުކާރެއް އެކުލަވާ ލުމަށެވެ.

އެ އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލު ވުމުގެ ޒިންމާ ސަރުކާރުން ބީއެންޕީގެ ބޮލުގައި އަޅުވާ އިރު ބީއެންޕީން ބުނަނީ ހަމަނުޖެހުން އުފެެއްދީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނާއި ފުލުހުން ކަމަށެވެ. ބީއެންޕީން އިހުތިޖާޖުގައި ތިއްބާ ފުލުހުންނާއި އެމީހުން ހަމަލާ ދިނީ ކަމަށާއި އެއާއެކު ހަމަނުޖެހުމަކަށް ބަދަލުވެ ކުރިމަތިލުން ހިނގީ ކަމަށެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ މުދަލުގައި ރޯކޮށްލާފައި

މި ކުރިމަތިލުންތަކުގައި ފުލުހުން ރަބަރު ވަޒަން ޖެހުމުގެ ސަބަބުން 2 މީހަކު މަރެވެފައި ވެސް ވެއެވެ. އަދި ފުލުހުންނާ ކުރިމަތިލައި ހިނގި ހަމަނުޖެހުމާއި ދެޕާޓީގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ތަޅާ ފޮޅާ އާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީ އެކި ތަންތާ ރޯކޮށް ހަދާފައި ވެސް ވެއެވެ. ވެހިކަލްތަކާއި ފިހާރަތަށް ބޮޑެތި ގެއްލުން ދީފައި ވާ އިރު އިދިކޮޅުން ބުނަމުން ދަނީ ކުރިއަށް އޮތް 3 ދުވަހަށް ގައުމު ހުއްޓުވާލާނެ ކަމަށެވެ.

ބަންގްލަދޭޝް އަކި އިންތިހާބުތައް އޮޅުވާލުމުގެ ތާރީހެއް އޮތް ގައުމެކެވެ. ކޮންމެ ފަހަރަކު އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު، އެމެރިކާއިން ވެސް ވަނީ ކުރިއަށް އޮތް އިންތިހާބާ ގުޅިގެން ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުގެ އޮފިޝަލުންނަށް އިންޒާރު ދީފައެވެ. އެގޮތުން މިހާރުގެ ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނަށް ވިސާ ދިނުމުގައި ދަތިކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އުމުރުން 78 އަހަރުގެ ހާލިދާ އަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވީ ނަމަވެސް އޭނާ މިހާރު ހުންނެވީ ގޭ ބަންދުގައެވެ.