ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ސިފައިން، ފަލަސްތީނުގެ ގާޒާއަށް ވަރުގަދަ ހަމަލާތައް ދެމުން އަންނައިރު ހަނގުރާމަ ފެށިފަހުން އެންމެ ވަރުގަދަ ހަމަލާތައް ދޭން ފޭށީ ރޭގައެވެ. އިޒްރޭލު ސިފައިން އެއްގަމު މަގުން ގާޒާއަށް އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު ގާޒާގެ މުވާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ހިނގާ އެއްވެސް ކަމެއްގެ މައުލޫމާތު ބޭރު ދުނިޔެއަށް ލިބޭވަރެއް ނުވެއެވެ.

މުޅި ގާޒާއިން މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައި ވާއިރު ގާޒާގެ އުތުރުގައި ކަރަންޓެއްވެސް ނެތެވެ. ގާޒާގެ ހަބަރުތައް ކަވަރު ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ވަނީ އަޅާ ބޮންތަކުގެ ބާރު އަޑުފައްގަނޑާ އެކު އަރައިގެން ދާ އަލިފާން ބޯޅަތަކުގެ އިތުރުން ހަމާސް އިން ފޮނުވާ ރޮކެޓުތަކެއްގެ އަލި ފެނުން ފިޔަވައި އެ ސަރަހައްދުގައި ވާއެއް ނުވާއެއް ނޭގޭ ކަމަށް ބުނެފައެވެ.

ރޭ އިޒްރޭލުން ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ވަނީ އިޒްރޭލުން، ގާޒާގެ މުވާސަލާތީ ހިދުމަތް ކަނޑާލުމުން ހަނގުރާމައިގެ ޖަރީމާތާއް ފޮރުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ.

އިޒްރޭލުގެ މި އަމަލަކީ އެމީހުން ގާޒާގައި ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލު ފޮރުވަން ކުރިކަމެއްގެ ގޮތުގައި ސިފަކުރަމުން އެޗްއާރްޑަބްލިއު އިން ބުނީ މުވާސަލާތީ ހިދުމަތް ކަނޑާލުމުން ގާޒާގެ ރައްޔިތުންނާއި ދުނިޔެއާ ގުޅުން ކެޑިފައިވާ ކަމަށެވެ. އަދި ގާޒާގެ ހަބަރުތައް ގެނެސްދިނުމަށް މަސައްކަތް ކުރާ މީޑިއާތަކަށާ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް މިހާރު ގާޒާގެ ހާލަތު ނޭގޭ ކަމަށް އެޗްއާރްޑަބްލިއު އިން ވަނީ ބުނެފައެވެ.

އެޗްއާރްޑަބްލިއު އިން މިހެން ބުނެފައި ވާއިރު ގާޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުންވެސް ވަނީ އެމީހުންނަށް އެހީތެރިވެދިނުމަށް ގާޒާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭނެ އެއްވެސް ގޮތެއް ނެތްކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ގާޒާއަށް ކާނާ އާއި ބޯފެނުގެ އިތުުރުން ބޭސް ފޯރުކޮށްދެވޭނެ ގޮތެއްވެސް މިހާރު ނެތްކަމަށް ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.