ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ކުޅަދާނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަލީ ސީޒަން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމައިފިއެވެ.

ސީޒަން ފިލްމީ ދާއިރާއިން ބްރޭކެއް ނަގާފައިވާ ހާމަކޮށްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ނަމަވެސް އޭރު މި ދާއިރާއިން ބްރޭކެއް ނެގީ ކޮން ސަބަބަކާ ހުރެ ކަމެއް ސީޒަން ބުނެފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ސީޒަން ބުނީ، ފިލްމީ އިންޑަސްޓްރީއިން ބްރޭކް ނެގީ މަޖިލީހަށް ކުރިމަތި ލާތީ ކަމަށާއި މިގޮތުން ޕީޕީއެމް / ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.

ސީޒަން އިތުރަށް ބުނީ، ފިލްމީ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ ރަށްފުށުގައި ކަމަށާއި ރަށްތަކުގެ މީހުންނާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.

ރަށް ފުށުގައި މުޅި އުމުރުވެސް މި ހޭދަވީ، އަޅުގަނޑާ ވަރަށް ކަނެކްޝަން ބޮޑުވާނެ ރަށްފުށުގެ ބޭފުޅުންނާއި އަތޮޅުތަކުގެ ބޭފުޅުންނާ، އެހެން ދިއުމުގެ ތެރޭގައި ވަރަށް ގިނަ އަހަރު ވެއްޖެ މި ވާހަކަތައް ދެކެވޭތާ، އެބޭފުޅުންނާއި ރަށްރަށުގެ ބޭފުޅުންނާ އަޅުގަނޑާ، މަޖިލީހަށް ކީއްވެގެންހޭ ނުލަނީ، މަޖިލީހަށް ލައިގެން އަޅުގަނޑުމެންނަށް މަޖިލިސް ތެރެއިން ހިދުމަތްކޮށްދޭން ވިސްނުން ނުހުންނަނީތޯ، އެގޮތަށް އަތޮޅު ކައުންސިލުގެ ފުރުސަތު ވެސް އަޅުގަނޑަށް ވަރަށް ގިނަ ފަހަރު ލިބުން، ނަމަވެސް އޭރު އަޅުގަނޑު ގަބޫލުކުރީ އަޅުގަނޑު ފިލްމީ ދާއިރާގައި މަސައްކަތްކުރަން ހުންނާނީއޭ، ނަމަވެސް މިފަހަރު ގަބޫލުކުރެވުނީ މިހާރު އެހުއްޓޭ ކަންތައްތަކެއް އަޅުގަނޑަށް ވެސް ކޮށްދެވިދާނެ،
ސީޒަން

ޕީޕީއެމް/ ޕީއެންސީ ސަރުކާރެއްގައި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ ދާއިރާއަށް ހިދުމަތްތަކެއް ކުރެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސީޒަން ބުންޏެވެ. ސީޒަން ބުނީ، މަޖިލިސް އިންތިހާބުގައި އެދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ސީޒަން ދިވެހި ފިލްމު އިންޑަސްޓްރީ އިން ބްރޭކެއް ނަގަން ވިސްނިއިރު އޭނާ ކުޅެފައި އޮތް ފިލްމެއް މިހާރުވެސް އޮލިމްޕަހުގައި އަޅުވާފައި އެބައޮތެވެ. އެއީ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކޮށްފައިވާ "ކަޅަކި" އެވެ. އޭގެ އިތުރުން މި އަހަރު ސީޒަންގެ އެސްޕްރޮޑަކްޝަންގެ ބޮޑު ހިއްސާއަކާ އެކު ސިންގަޅަ ތަރިންނާއެކު ފިލްމު "ކައުޝީ" ގެނެސްދިން އިރު މިއަހަރު ކުރީކޮޅު ވަނީ ސީޒަން ޑައިރެކްޓްކުރި ފިލްމު "ލޯބިވެވިއްޖެ" ވެސް ގެނެސްދީފައެވެ.