އައިޖީއެމްއެޗްގެ 2 ސެންޓަރަކުން ރާއްޖެއިން ބޭރުގެ ކުންފުންޏަކަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ އެބަހުރި ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިފައިން ވިދާޅުވީ މިއަދު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފިރުޒުލް ވިދާޅުވީ އައިޖީއެމްއެޗްގައި ގާއިމް ކޮށްފައި ހުރި ހާއްސަ ފަރުވާދޭ 2 ސެންޓަރު ކަމަށްވާ ހިތުގެ ބަލީގެ ސެންޓަރާއި ނާރުގެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ދައްކަންޖެހޭ ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ސެންޓަރުތަކަށް ފޯރުކޮށްދީފައިވާ އަދި ފޯރުކޮށްދެމުންދާ އެކިއެކި ވަސީލަތްތަކާ ގުޅޭ ބިލްތައްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ބިލްތައް ނުދައްކާ ހުރުމުން އެ ސެންޓަރުގެ ހިދުމަތް ހުއްޓުމަކަށް އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މިއަހަރުގެ ބާކީ މުއްދަތަށް ފައިސާ ހަމަޖެހިފައި ވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި ކަމަށް ވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު ބަޖެޓު ހަމަޖެހިފައި ނެތުމުން އެހެނިހެން ހިދުމަތްތައް، އިމާރާތުގެ އަދި މެޝިނަރީސްގެ މަރާމާތު ވެސް ހިމެނޭހެން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިނގަމުން މިދާ ސަރުކާރުން ހެލްތް ސެކްޓައތު ހިންގުމުގެ މޮޑެލް ހަދާފައިވާ ގޮތުން މާލޭގައި އަދި އެކި ރީޖަންތަކުގައި ގާއިމް ކޮށްފައި ހުރި މައި ހޮސްޕިޓަލްތައް ހިނގަމުން ދަނީ ހެލްތް މިނިސްޓްރީގެ މެންޑޭޓުން ބޭރުން ނުވަތަ ހެލްތް މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނެތިކަން ފާހަގަ ކުރައްވާ ފިރުޒުލް ވިދާޅުވީ އެ ހޮސްޕިޓަލްތައް ހިންގަމުން ދަނީ ރައީސްގެ ގަރާރަކުން އެކުލަވާލައްވާފައި ވާ ވަކި ބޯޑަކުން ކަމަށެވެ.

އެ ހޮސްޕިޓާތަކަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު މައި ހޮސްޕިޓަލް ތަކަށް ވާއިރު އެ ތަންތަން ހިންގުމުގައި ހެލްތް މިނިސްޓްރީގެ ދައުރެއް ނެތުމަކީ އޭގެ ސަބަބުން ވަރަށް ގިނަ މައްސަަލަތައް އުފެދުމަށް މެދުވެރިވެފައި ހުރި ކަމެއް ކަން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް އެ ހޮސްޕިޓަލްތައް ހިންގުމުގަައި ހެލްތް މިނިސްޓްރީގެ ދައުރު އެއްވެސް ވަރަކަށް ނެތުމުން އެތަންތަނުން ފޯރުކޮށްދޭ ހިދުމަތުގެ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފަި އެބަހުރި ކަމަށާއި އެއް ހަމައަކުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއް ފެންވަރުގެ ހޮސްޕިޓަލުތަކުން ފޯރުކޮށްދިނުމުގައި ވެސް ފަރަގުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ހިދުމަތްތައް މިހެން ހުރުމުން ގާނޫނީ ގޮތުން ވެސް މައްސަލަތަކެއް ކުރިމަތިވަމުން ދާ ކަމަށާއި ސިއްހީ ހިދުމަތުގެ ގަވާއިދު ބުނާ ގޮތުން ހޮސްޕިޓަލް ތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ޖަވާބުދާރީވާން ޖެހޭ ފަރާތަކީ ހެލްތް މިނިސްޓަރު ކަމަށްވީ ނަމަވެސް ހެލްތް މިނިސްޓްރީގެ މެންޑޭޓުން ބޭރުން އެކަންކަން ކުރިއަށްދާނަމަ އެކަންކަމަށް ޖަވާބުދާރީ ވުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.