ހަމާސްގެ ބާރުގެ ދަށުގައި އޮންނަ ގާޒާއަށް އެއްގަމު ހަމަލާއެއް ދިނުމަށް މިއަދު އިޒްރޭލުން ތައްޔާރުވަމުން އަންނަ އިރު، އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އާއިލާއެއްގެ 14 މެންބަރަކު އެއްކޮށް ޝަހީދު ވެއްޖެއެވެ. އެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ހުރީ ހަތަރު އަހަރުގެ އަންހެން ކުއްޖަކު އެކަންޏެވެ.

އުއްމު މުހައްމަދު އަލް ލަހާމްގެ ހަތަރު އަހަރުގެ މާމަ ދަރިފުޅު، ފުއްލާ އަލް ލަހަމް މިހާރު އޮތީ ގާޒާގެ ހޮސްޕިޓަލެއްގައެވެ. އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ފުއްލާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އޭނާގެ އާއިލާގެ މެންބަރުން ހިމެނޭ ގޮތަށް 14 މީހުން ޝަހީދުވެފައިވާ ކަމަށް އުއްމު ބުނެއެވެ.

"އިންޒާރެއް ނުދީ އެމީހުން އެގެއަށް ބޮން އެޅީ. އޭރު އެތެރޭގައި އެންމެން ތިބީ. 14 މީހުން ޝަހީދުވީ، ފުއްލާ ފިޔަވައި އެހެން މީހަކު ސަލާމަތެއް ނުވޭ، ޝީ ޑޯންޓް ޓޯކް، ނަތިންގް، ޖަސްޓް އެނދުގައި އޮށޯވެލައިގެން އޮންނަނީ، ދެން އެމީހުން އޭނާ އަށް ބޭސް ދީ ހަދާ"
ފުއްލާގެ މާމަ

ހަމާސް އާއި އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު އެތައް ހަނގުރާމައެއް ފާއިތުވި އަހަރުތަކުގައި ފެނިފައިވާ އެ އަންހެން މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއީ އެންމެ އުނދަގޫ ވަގުތެވެ. 14 މެންބަރުން ޝަހީދުވި އިރު، ފުއްލާ އެކަނި ސަލާމަތްވި އިރު އޭނާ އެއްވެސް ވަރަަކަށް ވާހަކަ ނުދައްކާ ކަމަށާއި ހަމައެކަނި އެނދުގައި އޮށޯވެލައިގެން ހިމޭނުން އޮންނަނީ ކަމަށް ފުއްލާގެ މާމަ ބުންޏެވެ.

4 އަހަރުގެ ފުއްލާގެ މާމަ އުއްމު މުހައްމަދު އަލް ލަހަމް / ފޮޓޯ: ރޮއިޓާސް

ފުއްލާގެ އާއިލާގެ އިތުރުން ވެސް އެ މީހުންނާ ތިމާގެ އެހެން އާއިލާއަކަށް ވެސް މިހެން ކަންތައް ދިމާވި ކަމަށް އެ މާމަ ބުނެއެވެ. އެ އާއިލާއިން ވެސް ގާތްގަނޑަކަށް ހަތަރު އަހަރުގެ ކުއްޖަކު ދުނިޔޭގައި ހުރި ކަމަށާއި އެ ކުއްޖާގެ ގާތް ތިމާގެ މީހަކު ވެސް މި ދުނިޔޭގައި ނެތް ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުން މިހާތަނަށް ގާޒާއަށް ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާތައް ދީފައި ވާއިރު، ފަލަސްތީނުގެ ހަމާސް އިން މީގެ އަށް ދުވަސް ކުރިން އިޒްރޭލަށް ހަމަލާދީ އިޒްރޭލުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ރަހީނު ވެސް ކުރިއެވެ. މި ހަމަލާގައި 1300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

މި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނުގެ 2.3 މިލިއަން މީހުން ދިރިއުޅޭ ގާޒާ ވަށާލައި، އެންކްލޭވްގެ އުތުރުގައި ހުރި ގެތައް ދޫކޮށް ދެކުނުން ދިއުމަށް އަންގާފައެވެ. މި އިންޒާރާ ގުޅިގެން ހަމާސް އިން ވަނީ ބޭރަށް ނުކުންނަ މަގުތަކަކީ ނުރައްކާތެރި މަގުތަކެއް ކަމަށް ބުނެ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައެވެ. މި ކަމާ ގުޅިގެން އދ އިން ބުނެފައި ވަނީ، އިންސާނީ ކާރިސާއެއް ކުރިމަތިނުކޮށް މިހާ ގިނަ ބަޔަކު ގާޒާގެ ތެރޭގައި ރައްކާތެރިކަމާއެކު ނުގެންދެވޭނެ ކަމަށެވެ.

އިޒްރޭލު އުފެދުމާ އެކު ހިނގި ހަނގުރާމައިގައި ފަލަސްތީނުގެ އެތައް ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުކުރި 1948 ވަނަ އަހަރުގެ "ނަކްބާ" ނުވަތަ "ކާރިސާ" ހަނދާންކޮށް، ބައެއް މީހުން އެތަނުން ނުނިކުންނާނެ ކަމަށް ބުނެފައި ވެއެވެ.

ގާޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަައި ވާ ކަމަށާއި އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި ގާތްގަނޑަކަށް 10،000 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ވައިގެ ހަމަލާތަކުގައި ސަލާމަތްވި މީހުން ހޯދަމުންދާ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސްގައި ދިރިއުޅޭ މުހައްމަދު އަބޯ ދައްކާ ބުނީ، އިޒްރޭލުން ދިން ހަމަލާއަށް ފަހު އޭނާގެ އާއިލާ އަދިވެސް އޮތީ ކުނިތަކެއްގެ ދަށުގައި ކަމަށެވެ. އޭނާގެ ދަރިފުޅާއި ދެބެންގެ ދެދަރިންނާއި އަދި މުޅި އާއިލާ ގެއްލިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެ އާއިލާއަށް އެ ހަމަލާ ދިނީކީ ކުރީ ސަފުގައި ހަނގުރާމަކޮށްގެން ނުވަތަ އެމީހުން ހައްޔަރުކުރީމައި ނޫން ކަމަށް އޭނާ ބުނެއެވެ. އެ ހަމަލާ އެ އާއިލާއަށް ދިނީ އެމީހުން ގޭގައި ތިއްބައެވެ. އެގެ ކުދިކުދިވެގެން ފައިބައިފައިވާ އިރު، އެ ތަން ބަލައި ފާސްކޮށް ނެރޭނެ ސާމާނެއް ވެސް ފެންނަން ނެތް ކަމަށް އޭނާ ބުނެއެވެ.

ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ އެއް ސަރަހައްދު ކަމަށްވާ ގާޒާއަށް ދޭ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު ވަނީ އުފެދިފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.