• މިދިޔަ މަހު ބޭރަށް އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަމަށާއި 39،400 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފްސީލް ދެމުން އެޗްޕީއޭ އިން ބުނީ، މިދިޔަ ްއޮގަސްޓް މަހާ އަޅާބަލާ އިރު ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށާއި އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިދިޔަ އޮގަސްޓް ރޯގާ ޖެހިގެން 28،718 މީހުން ރިޕޯޓް ކޮށްފައިވާ އިރު ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 39،481 އަށް އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި އަރިދަފުސް ރޯގާ ރިޕޯޓް ކޮށްފައިވާ މިންވަރަށް ބަލާއިރު، މިއަހަރު އެ މުއްދަތުގައި ރިޕޯޓް ކުރި މިންވަރު ވަނީ އިތުރު ވެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު 25،713 މީހުން ރިޕޯޓް ކޮށްފައި ވާ އިރު، ސެޕްޓެމްބަރު މަހު ވަނީ 33،854 މީހުން ރިޕޯޓް ކޮށްފައެވެ.

އަރިދަފުސް ރޯގާއާ ކޮވިޑް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސ،ާ ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން
  • ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާންމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
  • ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން
  • ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުން

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވަނީ، ޑެންގީ ހުމާއި، އަރިދަފުސް ރޯގާއި، ބޭރަށް ހިންގުމުގެ ތަފާސް ހިސާބެވެ. އެ ގޮތުން މިދިޔަ އޮގަސްޓް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ 327 މީހެކެވެ. އަދި ސެޕްޓެމްބަރު މަހު ވަނީ 288 މީހަކު ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި އަދަދުތައް ދަށްވެފައި ވީ ނަމަވެސް މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކުރުމަށާއި ބަލިން ރައްކާތެރި ވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ބޭރަށް ހިންގުމުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ 10.451 މީހެއް ކަމަށާއި އެ އަދަދު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ 7،160 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.