ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން މާލޭގައި ބަހުގެ ހިދުމަތް ދެމުން އަންނަ ރޫޓް 10 އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ހެންވޭރު ދަނޑުގައި ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓް ބޭއްވުމަށް ހަމަޖެހިފައިވާތީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ހެނދުނު 7 އިން ހަވީރު 6 އަށް އެސަރަހައްދު ކައިރީ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެމްޓީސީސީން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R10 (އޯކިޑް ރޫޓް)ގެ ދަތުރުތަކަށް ބަދަލު އަންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ، އޯކިޑްރޫޓުގެ ބަސް މަޖީދީ މަގުން ދެން ދަތުރުކުރާނީ އަމީރު އަހުމަދު އާއި ސޯސަން މަގުން ކަމަށާއި މި ބަދަލާ ގުޅިގެން އެދުވަސްތަކުގެ ހެނދުނު 7 އިން ހަވީރު 6 އަށް އޯކިޑް ރޫޓްގެ ބަސް، ޖެޓީ 5، އެމްޓީސީސީ ޓަވަރު، ކާނިވަލް، އާޓީފިޝަލް ބީޗް އަދި މުނި އުފާ ބަސް ހުއްޓިއަށް މަޑު ނުކުރާނެ ކަމަށެވެ.
އެމްޓީސީސީއިން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އާއެކު ގިނަ ބަޔަކަށް ލުއިފަސޭހަ ކަމެއް ލިބެމުން އަންނައިރު އެ ހިދުމަތަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ.
ތަފާތު ގިނަ ރޫޓުތަކަށް އެ ހިދުމަތް ދެމުން އަންނައިރު ޓިކެޓް ނެގުމަށް އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މިހާރު ބޭނުން ކުރެވޭއިރު ދަތުރުކާޑު ބޭނުންކޮށްގެން ވެސް މި ބަސް ރޫޓުގައި ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ކޮންމެ 15 މިނެޓަކުން ހުޅުމާލެއިން މާލެއަށް އެމްޓީސީސީއިން އަންނަނީ ބަސް ދަތުރު ކުރަމުންނެވެ. ހުޅުމާލެ އަށް ކުރާ ބަސް ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނެސްފައި ވަނީ 2018 ވަނަ އަހަރުގައެވެ.